ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 82،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރުން ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ވެސް ދޭން ފަށައިފައެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖޭގައި 82،827 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ. އިއްޔެ 5،904 މީހަކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހިއެވެ. އަދި ރާއްޖޭގައި މިހާތަނަށް 292،413 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.

ރަމަޟާން މަހު މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒު އަދި ސެނަހިޔާގައެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް މިހާރު އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

ކޮވިޝީލްޑާއި ސިނޯފާމްގެ އިތުރުން ރާއްޖޭގައި ފައިޒާ ވެކްސިން ދިނުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދެއެވެ. ނަމަވެސް ފައިޒާ ވެކްސިން ދެނީ ވަކި ކެޓަގަރީތަކެއްގެ މީހުންނަށެވެ.