މިދިޔަ 24 ގަޑިއިރު ތެރޭ 328 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 28،202 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 167 މީހަކާއި އަތޮޅުތެރެއިން 127 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން ދިހަ މީހަކު އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުން 24 ކަމަށެވެ.

މިއަދަކީ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. މިދިޔަ ހުކުރު ދުވަހު ވެސް 319 މީހަކު ޕޮޒިޓިވްވިއެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު 218 މީހަކު ޕޮޒިޓިވްވި އިރު، އިއްޔެ 253 މީހަކު ޕޮޒިޓިވްވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 112 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 24،421 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 3،701 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 126 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 71 މީހަކު ވަނީ މަރުވެފައެވެ. އެއީ 64 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.