ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗާ ޕާކެއް މިއަދު ހުޅުވައިފިއެވެ.
ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ހާދަފައިވާ ނޭޗާ ޕާކަށް ދީފައިވާ ނަމަކީ "ދިގެމައްކޮޑަ" އެވެ. އެ ޕާކްގެ މަސައްކަތްތައް ކޮށްފައިވަނީ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ހޯނޑެއްދޫ ސްޕޯޓްސް އިންނެވެ.
ހޯނޑެއްދޫ ނޭޗާ ޕާކުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިން ޕްލެޓްފޯމެއް ވަނީ ހަދައިފައެވެ. އަދި އެ ސަރަހައްދުގައި ބެންޗު ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން މަސްކެނޑުމަށް ހާއްސަ ތަނެއް ތައްޔާރުކޮށް، އެ ސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ވެސް ބަހައްޓާފައިވެއެވެ. އަދި އެ ސަރަހައްދުގައި އިތުރަށް ގަސް އިންދައި ފެހިކަން ވަނީ ގަދަކޮށްފައެވެ.
ބީއެމްއެލުން ބުނީ މި މަޝްރޫއުއަކީ، އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން އާންމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ހިންގި މަޝްރޫއެއް ކަމަށެވެ.
އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު