ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ކީރިތި ގުރުއާން އުނގަންނައި ދިނުމުގެ ޕްރޮގްރާމެއް އިފުތިތާހުކޮށްފިއެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހަފުލާއެއްގައި އެ ޕްރޮގުރާމު އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މިގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން ޝާމިލު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރީންނަށް ގުރުއާން އުނގަންނައި ދިނުމަށް ހުރި ދަތިކަން ފިލުވައިލުމަށް މި ފަހިވެގެން ދިޔަ ފުރުސަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ގިނަ އަދަދެއްގެ ދިވެހިން މި ޕްރޮގްރާމުގައި ބައިވެރިވެ އޭގެ ފައިދާ ލިބިގަތުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ.

އަދި އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ކުރައްވަމުން އަންނަ މިފަދަ މަސައްކަތްތައް ފާހަގަކޮށް، މިއަދު ފެށި ޕްރޮގްރާމް މެދުކެނޑުމެއް ނެތި ރަނގަޅަށް ކުރިޔަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް އެދިވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުން އަންނަ ދިވެހި ދަރިވަރުންނަށް ގުރުއާން އުނގެނުމަށް އޮތް ފުރުސަތު ހަނިވުމުގެ ސަބަބުން ގުރުއާން އުނގެނުމަށް ދިމާވެފައިވާ ދަތިކަން ފިލުވާލައި، ދިވެހީންނަކީ ގުރުއާނަށް އަހުލުވެރި ބަޔަކު ކަމުގައި ހެދުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހީންނަށްވެސް އެ ގައުމުތަކުގައި ތިބެ ގިރާއަތު ސެޓްފިކެޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީވެސް ޕްރޮގްރާމްގެ މަގުސަދެއް ކަމަށް ބުންޏެވެ.

މިގޮތުން މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފެށިގެން ދަނީ ތިން ލެވެލްއެއްގެ ކުލާސްތަކެވެ. އެއީ އަކުރު އުނގަންނައި ދިނުމުގެ ކުލަސްތަކާއި ފިލި އުނގަންނައި ދިނުމުގެ ކުލާސްތަކާއި ކަލިމަތައް އުނގަންނައި ދިނުމުގެ ކުލާސްތަކެވެ. މި ޕްރޮގްރާމުގައި މިހާތަނަށް މެލޭޝިޔާއިން 25 ދަރިވަރުން، ސްރީ ލަންކާ އިން 14 ދަރިވަރުން އަދި އިންޑިޔާ އިން އަށް ދަރިވަރަކު ރަޖިސްޓަރީ ކޮށްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.