ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕް ބޯލް މުބާރާތުގައި ރައްޔިތުން މަޖިލީސް ޓީމު ކުޅުނު މެޗުން ކްލަބު އިމިގްރޭޝަން އަތުން ބަލިވި އިރު، ފުރަތަމަ މެޗުގައި މީރާ އިން ޔޫތު މިނިސްޓްރީގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޯދަ މަހަށް ހާއްސަކޮށް ވަރަށް ފުޅާކޮށް ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގައި ތިން މުބާރާތެއް ކުޅޭ ގޮތަށް ކްރިކެޓް ބޯޑުން ވަނީ ތާވަލުކޮށްފައެވެ. އެއީ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މެދުގައި ކުރިއަށް ގެންދާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދާ މުބާރާތްތަކުގުގެ ތެރެއިން އޮފީސް މުބާރާތުގައި ވާދަކުރަނީ ހަ ޓީމެވެ. މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗުން ޔޫތު މިނިސްޓްރީ ވަނީ މީރާއާ އެއްވަރުވެފައެވެ. މެޗުގައި މިނިސްޓްރީ ޓީމުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފުވެސް ބައިވެރިވެފައިވާ އިރު، މެޗު އެއްވަރުވެފައި ވަނީ 87 ލަނޑު ކޮންމެ ޓީމަކުންވެސް ހަދައިގެންނެވެ.

ދެވަނަ މެޗުގައި މަޖިލީހުން އިމިގްރޭޝަނާ ދެކޮޅަށް ކުޅެފައިވާ އިރު، މަޖިލިސް ޓީމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަލީ އާޒިމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން (ޖޭފޯ) އާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ކުޅުންތެރިޔާ އަލީ ނިޔާޒް (ހިރިޔާ ނިޔާ) އާއި ހެންވޭރު ދެކުނު މެމްބަރު އަދި ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ހަލީމު (ދޮންބިލެތް) ހިމެނެއެވެ.

މަޖިލިސް ޓީމު ބަލިވީ އިމިގްރޭޝަނާ ވާދަކޮށް 20 ލަނޑުންނެވެ. މަޖިލިސް ޓީމަށް އަށް އޯވަރުގެ ތެރޭ 58 ލަނޑު ހެދުނު އިރު، އިމްގްރޭޝަން މޮޅުވީ 78 ލަނޑު ހަދައިގެންނެވެ.

އޮފީސްތަކުގެ މުބާރާތް ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕު އޭގައި ހިމެނެނީ ޔޫތު މިނިސްޓްރީ އާއި މީރާ އަދި ކަސްޓަމްސްއެވެ. އަދި ގުރޫޕު ބީގައި ހިމެނެނީ އިމިގްރޭޝަން އާއި މަޖިލިސްގެ އިތުރުން އެމްއެމްއޭއެވެ.