ޚަބަރު

އެމްޑީޕީން ކުރީން ބަރުލަމާނީ ނިޒާމް ނެގީ ރައީސް މައުމޫނާ އިދިކޮޅުވުމަށް: ރީކޯ މޫސަ

މުއާވިޔަތު އަންވަރު

މީގެ ކުރިން އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއިދު ކުރީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އިދިކޮޅުވުމުގެ ގޮތުން ކަމަށް މޫސާ މަނިކް (ރީކޯ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީ އުފެއްދުމުގައި ވެސް އިސްދައުރެއް އަދާކުރައްވައި އެ ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވި އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫން ކަމަށެވެ.

އެމްޑީޕީން އެންމެ ފުރަތަމަ ނިކުތީ ގިނަ ދުވަސްވެފައިވާ ވެރިކަމެއް ބަދަލު ކުރަންކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، އެއިރަކު ވަކި ނިޒާމަކަށް ބަލާފައި ނުވާނެ ކަމަށާއި އަބަދުވެސް ވަކާލާތު ކުރީ ބާރުތައް ވަކިވެފައިވާ ނިޒާމެއް ގެންނަން ކަމަށެވެ.

"އެމްޑީޕީން ބަރުލަމާނީ ނިޒާމް ހިފައިގެން ނިކުތީ ރައީސް މައުމޫން ރިޔާސީ ނިޒާމް ހިފައިގެން ނިކުތީމަ،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ އޭރުގެ ވިސްނުމަކީ ރައީސް މައުމޫނު އިހުތިޔާރު ކުރާ ނިޒާމު ނޫން އަނެއް ނިޒާމު އިހުތިޔާރު ކުރުން ކަން މޫސަ ފާހަގަކުރެއްވި އެވެ. ސަބަބަކީ އެއަށްފަހު އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓުން އޭރުގެ ރައީސް މައުމޫން ބަލިކުރެއްވުމަށް ތައްޔާރުވުން ކަމަށް މޫސަ ވިދާޅުވި އެވެ.

"ރައްޔިތުން ކުރިމައްޗަށް ފެންނަ ނުފެންނަ ވޯޓަކަށް ދާއިރު އަޅުގަނޑުމެން ވަކަރު ޖަހާލަން ރަނގަޅޭ ރައީސް މައުމޫން ބަލިކުރުމަށްޓަކައި އަޅުގަނޑުމެން ތެދުވެއްޖިއްޔާ ނިކުންނާނީ ކޯއްޗެއްތޯ ބެލުން،" ރީކޯ މޫސަ ވިދާޅުވި އެވެ.

އެމްޑީޕީން މީގެ ކުރިން މަސައްކަތް ކޮށްފައިވަނީ ރައްޔިތުން އެކަމެއް ނިންމުމުން އެކަމެއްގެ ފަހަތުގައި ހުރެގެން ކުރިއަށް ދިއުމަށް ކަން ރީކޯ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މިހާރު ފެނިގެން ދަނީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ މަންޒަރު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރުގެ އޯގަސްޓް 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ނެގި ސިއްރު ވޯޓުގައި ރިޔާޒީ ނިޒާމު އޮންނަން ފެންނަ ކަމަށް 95،619 މީހުން ވޯޓު ލިބުނެވެ. އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އޭރުގެ ޕާޓީ ޑީއާރުޕީންނެވެ. ރައީސް ނަޝީދު އިސްކޮށް އެމްޑީޕީން ޕްރޮމޯޓް ކުރި ބަރުލަމާނީ ނިޒާމަށް ލިބުނީ 58،504 ވޯޓެވެ.