ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފެއްދި އެގްރޯ ނެޓް ކުންފުނީގެ މަގުސަދަކަށް ވާން ވާނީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމުގައި އެހީތެރިވެދިނުން ކަމަށާއި، ދަނޑުވެރިންގެ މަސައްކަތް ތެރެޔަށް ވަނުމެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ތިން ރަށެއް އެގްރޯއަށް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އިގްތިސޯދީ ވަޒީރު ފައްޔާޒް އިސްމާއީލް ޓެގް ކުރައްވައި، އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެގްރޯ ކުންފުނިން ދަނޑުވެރިންގެ މަސައްކަތްތަކުގެ ވަދެގެން ނުވާނެ ކަމަށެވެ.
"އެގްރޯ ކުންފުނި އުފެއްދި މަގުސަދަކީ ދަނޑުވެރިންގެ އުފެއްދުންތައް މާކެޓް ކުރުމުގައި އެހީތެރިވެދިނުން. ދަނޑުވެރިންގެ މަސައްކަތް ތެރެޔަށް ވަނުމެއް ނޫން، މިފްކޯއިންވެސް މަސްވެރިކަން ކުރާކަށް ނޫޅޭ ދެއްތޯ؟" އާޒިމް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުގައި އެގްރޯ ކުންފުނި އޮންނައިރު، އެކުންފުންޏަކީ މިނިސްޓަރު ފައްޔާޒްގެ ނުފޫޒު ގަދަކޮށް ނާޖާއިޒް މަންފާތަކެއް ހޯދުމުގެ ނިޔަތުގައި ވުޖޫދު ކުރި ކުންފުންޏެއް ކަމަށް އަލީ އާޒިމް މީގެ ކުރިން ތުހުމަތު ކުރައްވާފައިވެއެވެ.
ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ގޮތަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ ދަނޑުވެރިންގެ މަސައްކަތްތަކަށް ފަސޭހަކޮށްދީ ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުމަށެވެ.