މިދިޔަ 24 ގަޑިއިރު ތެރޭ 253 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 27،874 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 147 މީހަކާއި އަތޮޅުތެރެއިން 35 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 31 މީހަކު އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުން 40 ކަމަށެވެ.

މިދިޔަ ހުކުރު ދުވަހަކީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އެ ދުވަހު 319 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިދިޔަ ބުދަ ދުވަހު 253 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ވެސް 218 މީހަކު ޕޮޒިޓިވްވިއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 75 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 24،309 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 3،485 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 123 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 71 މީހަކު ވަނީ މަރުވެފައެވެ. އެއީ 64 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.