ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެ ކުންފުނީގެ ބިލްތައް ކުރިއަށްވުރެ ފަސޭހަކަމާއެކު ދެއްކޭނެ ގޮތެއް ހެދުމަށް "[އަވަސް ޕޭ އޮންލައިން ޕޭމަންޓް ވެބްސައިޓް](https://wamco.com.mv/avaspay/)" ތައާރަފު ކޮށްފި އެވެ.

ވެމްކޯ އިން ބުނީ މި ވެބްސައިޓުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިއަށްވުރެ ފަސޭހަ ކަމާއެކު ބިލް ދެއްކޭނެ ކަމަށާއި އަދި ކުރިން ދައްކާފައި ހުރި ބިލްތަަކުގެ ތަފުސީލުވެސް ލިބޭނެ ކަމަށެވެ.

ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގެ އެސިސްޓެންޓް މެނޭޖާ ސަނާޔާ ޝިމްރީ ވިދާޅުވީ އަވަސް ޕޭ ހިދުމަތަކީ ގިނަ އަދަދެއްގެ ކަސްޓަމަރުން މަހުފީ ދެއްކުމަށް ބޭނުންކުރާ ޕޯޓަލްއެއް ކަމަށެވެ. އަލަށް ތައާރަފު ކުރެވުނު މި ވެބްސައިޓުގެ އެހީގައި ކަސްޓަމަރުންގެ ބިލްތަކުގެ ތަފުސީލު އަދި މުއާމަލާތްތައް ބަލައިލެވޭނެ ކަމަށް ވިދާޅުވި އެވެ.

ސަނާޔާ އިތުރަށް ވިދާޅުވީ މި ވެބްސައިޓުގެ ސަބަބުން ބިލްދެއްކުމަށް އެ ކޯޕަރޭޝަންގެ އޮފީހަށް ނައިސް ގޭގައި ތިބެގެން ބިލް ދެއްކޭނެ ކަމަށެވެ. އަދި މިއަދު ތައާރަފުކުރި ވެބްސައިޓު މިހާރުން ފެށިގެން ބޭނުންކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.