އިނގިރޭސި ޕްރިމިއާ ލީގު އަދި އަންހެން ސުޕަ ލީގުގެ ކްލަބުތައް އެކުވެގެން ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް ހަތަރު ދުވަހަށް ބޮއިކޮޓް ކުރަން އެއްބަސް ވެއްޖެއެވެ.

އިނގިރޭސި ކްލަބުތަކުން އެގޮތަށް އެއްބަސްވެފައި ވަނީ ސޯޝަލް މީޑިއާގައި ކުޅުންތެރިންނާއި ކޯޗުންގެ އިތުރުން އެހެނިހެން ފަރާތްތަކަށްވެސް ކުރަމުންދާ ނަސްލީ ތަފާތުކުރުންތަކުގެ ފުރައްސާރަ އާއި، ރުޅިވެރިކަމުގެ ފުރައްސާރަތަކަށް ފިޔަވަޅު އެޅުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކަށް ހަނދާން ކޮށްދިނުމަށެވެ.

ކްލަބުތަކުން އޭޕްރީލް 30 ވަނަ ދުވަހުން ފެށިގެން ހަތަރު ދުވަސް ވަންދެން ސޯޝަލް މީޑިއާ ޕޯސްޓްތައް ހުއްޓާލާނެއެވެ. އޭގެ އިތުރުން އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަނުން ތަފާތުކުރުންތަކާ ދެކޮޅަށް ހިންގާ ބޮޑު ކެމްޕޭނެއް އެދުވަހު އިފްތިތާހުކޮށް، ތަފާތުކުރުންތަކާ ދެކޮޅަށް އަޑުއުފުލާނެ ފަރާތްތަކަށް ހަރަދުކުރުމަށް ހާއްސަ އެހީ ހޯދުމުގެ ކެމްޕޭނެއް ވެސް ޖައްސާނެއެވެ.

ޕްރިމިއާ ލީގުގެ ފަރާތުން އެކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުނެފައި ވަނީ އިނގިރޭސި ކްލަބުތަކުން ނަގާނެ ސްޓޭންޑަކީ ހުރިހާ ކްލަބުތަކުން އެކުގައި ސޯޝަލް މީޑިއާ ދިމާކުރުންތަކާ ދެކޮޅަށް ތިބިކަން ދައްކައިދޭ ސްޓޭންޑެއް ކަމަށާއި، މިހާރު ކުޅުންތެރިންގެ ޒާތަށް ގެއްލުންދީ ސޯޝަލް މީޑިއާ ވެފައި ވަނީ ހަޑި އެތައް ފުރައްސާރައެއް ކުރާ ތަނަކަށް ކަމަށެވެ.

ކްލަބުތަކުން ސޯޝަލް މީޑިއާ ހުއްޓާލުމަކީ ކޮންމެ ކުންފުންޏަކަށްވެސް ކަސްޓަމަރުންތަކެއް ގެއްލޭނެ ކަމެއް ކަމަށާއި، ފޮނުވަން ބޭނުންވާ މެސެޖަކީ ކުންފުނިތަކުން ފުރައްސާރައަށް ފިޔަވަޅު ނާޅާނަމަ ސޯޝަލް މީޑިއާ ހުއްޓާލަން ކްލަބަކުން ތައްޔާރަށް ތިބިކަން ކަމަށްވެސް ޕްރިމިއާ ލީގުގެ ފަރާތުން ބުނެފައިވެއެވެ.