ޕްރޮފައިލް ރިޕޯޓް

މިނާހް ފާއިޒް: އިންސާނީ ހިދުމަތާއި ދަތުރުކުރުމުގެ ޝައުގުން ފުރިފައިވާ ޒުވާން ޑޮކްޓަރު!

ރިފާ ހަލީލު

2

ޑޮކްޓަރުންނަކީ ނިކަން ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރާ ބައެކެވެ. އަށް ގަޑިއިރުގެ ޑިއުޓީއެއް ޝެޑިއުލްކޮށްފައި އޮންނަ ނަމަވެސް އެއީ ހަމަ ނަމެއްގައި އޮންނަ ޝެޑިއުލަކަށް ނޫނީ ނުވެ އެވެ. ޝެޑިއުލުން ބޭރުން އެތައް އިރަކު ޑޮކްޓަރުން މަސައްކަތް ކުރެ އެވެ. އިންސާނީ ހިދުމަތުގަ އެވެ. އެހެން ނަމަވެސް އެހެން މީހުންނަށް ޓަކައި ވަގުތު ހުސްކޮށް އެކަމަށްޓަކައި އަހަރެމެންގެ ބިޒީ ޝެޑިއުލުން ވަގުތު ހޯދަނީ މަދު ބައެކެވެ. މި ފަހަރު މި އޮތީ އެފަދަ ނަމޫނާ ހިދުމަތްތެރި އެންމެނާ ވެސް ގުޅޭ ޒުވާނެއްގެ ވާހަކަ އެވެ.

މީގެ ކުރިން އޭޑީކޭ ގެ ޖެނެރަލް އޯޕީޑީގައި މަސައްކަތްކޮށް މިހާރު އެކި ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ޒުވާން ޑޮކްޓަރު، މިނާހް ފާއިޒް ރަޝާދަކީ ކުޅަދާނަ ޑޮކްޓަރެކޭ ބުނާން ޖެހޭ ސަބަބު ލައްކަ ގިނައެވެ. ކިތަންމެ ބިޒީ ނަމަވެސް ބޭނުންވާ ކަންކަމަށް ވަގުތު ހުސްކުރުމަށް އޭނާ ކުޅަދާނަ އެވެ. މިނާހު ގެ ވަގުތުން އެންމެ އިސްކަން ދޭ ތަރުތީބަކީ އިންސާނީ ހިދުމަތެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހާލަތު އެނގި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އޭނާ ވަނީ އެންޖީއޯއެއް ވެސް ހުޅުވާފަ އެވެ.

ބިދޭސީން އުޅޭ ނިކަމެތި ހާލު ފެނި އެހީތެރިވުމަށް ހުޅުވި އެންޖީއޯއެއް

މިނާހް ބުނީ އެންމެ ފުރަތަމަ އޭޑީކޭގައި މަސައްކަތް ކުރި އިރު ވެސް ބިދޭސީންގެ ހާލަތު ވަރަށް ގާތުން ފެނުނު ކަމަށެވެ. ސިއްހީ ފަރުވާ ހޯދުމަށް އެ މީހުންނަށް ދިމާވާ ގޮންޖެހުން ތަކުގައި ވަރަށް ބޮޑަށް އެހީތެރިވާން ބޭނުންވި ކަމަށެވެ. އެކުގައި މަސައްކަތް ކުރި ބައެއް މީހުންނާ ވާހަކަ ދެކެވުނު ނަމަވެސް އޭރު އެކަމަށް ހައްލު ހޯދުމަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.

ނަމަވެސް އޮކްސްފޯޑުގައި ކިޔަވަން ހުރި އިރު، ކޮވިޑުގެ ހާލަތާ ކުރިމަތިވި ކަމަށާއި ރާއްޖޭގައި ތިބި އެތައް ބިދޭސީންނެއްގެ ވަޒީފާ ގެއްލި ކާނެ ބޯނެ އެއްޗެއް ނެތި ސަލާން ޖަހާތަން ފެނުނު ކަމަށެވެ. އެމީހުންނަށް އެހީވުމަށް އަނެއްކާވެސް މަސައްކަތް ފަށައި އެންޖީއޯއެއް ހުޅުވީ އެހާ ހިސާބުން ކަމަށް މިނާހް ބުންޏެވެ.

އެގޮތުން "މިޝަން ފޯ މައިގްރޭންޓް ވޯކާސް" އުފެއްދި ކަމަށާއި މި ޖަމިއްޔާގެ ފަރާތުން މިހާރު ގިނަ އަދަދެއްގެ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އޭނާ ފާހަގަ ކުރި އެވެ. ކޮންމެ ދުވަހަކުވެސް 100 ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް މިނާހު ބުންޏެވެ.

މިނާހަކީ ލަވަކިޔުމާއި އައިޓީ ދާއިރާ އާއި މަލްޓި މީޑިއާ އާއި ގްރެފިކް ޑިޒައިނިން އަށް ހިތް ޖެހި، އެދާއިރާތަކުން ކުރިއަށް ދާން ވިސްނައިގެން ހުރި ޒުވާނެކެވެ. އެކަމަކު އޯލެވެލް ކިޔެވި އިރު ބަޔޮލޮޖީ އަށް ޖެހުނު ލޯތްބެއްގެ ސަބަބުން އޭނާ ވާން ބޭނުންވީ ޑޮކްޓަރަކަށެވެ. އެ އުންމީދުގައި ކުލަޖެހި މިހާރު އެއީ ޑޮކްޓަރެކެވެ. ނަމަވެސް މިއީ އާދައިގެ ޑޮކްޓަރެއް ނޫނެވެ. ކަރުގައި ކަށިގަނޑު އަޅައިގެން ބަލި މީހުން ބަލަން ހަމަ އެކަނި ހޮސްޕިޓަލުގައި އިންނަ ޑޮކްޓަރެއްވެސް ނޫނެވެ.

ކިތަންމެ ބިޒީ ނަމަވެސް އަމިއްލަ ނަފުސަށް އަރާމު ހޯދައިދޭން މިނާހު ވަގުތު ހޯދައެވެ. ވަގުތު ހޯދައިގެން ކުރާ ކަންތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓު ހާވައިލުމުން ފެންނާން އެބަ ހުއްޓެވެ. މި ޑޮކްޓަރުގެ ވަރަށް ތަފާތު ލައިފްސްޓައިލެއް ސޯޝަލް މީޑިއާ އިން ފެނެއެވެ. އެކި ގައުމުތަކުގެ ރީތި މަންޒަރުތަކުގެ ފޮޓޯތަކުންނާއި ދަތުރުތަކުގެ ފޮޓޯތަކުން މުޅި އިންސްޓަގްރާމް އޮތީ ބަލައި ފޫޫހި ނުވާ ވަރަށް ޗާލު ކޮށްފަ އެވެ.

ޓްރެވެލިން އަށް ވަގުތު ހޯދަނީ ލިބޭ ޗުއްޓީތަކުގައި

ހިދުމަތްތެރި ޒުވާނުންނަށް ދޭ "އޭޝިއާ އިންސްޕިރޭޝަން އެވޯޑް" ގައި އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ކެޓަގަރީން އެވޯޑް ލިބުނު، އުމުރުން 30، އަހަރުގެ މިނާހް ބުނާ ގޮތުން އޭނާއަކީ ވަރަށް ދަތުރު ކުރާ ހިތްވާ މީހެކެވެ. އަހަރީ ޗުއްޓީގައި ދަތުރުކުރާނެ މަންޒިލަކާއި ބަޖެޓެއް ދުރާލައި އޭނާ އޮންނަނީ ރާވާފަ އެވެ. ޗުއްޓީ ނަގާނެ ދުވަސްތަކާ ދިމާކޮށް ހުރިހާ ކަމެއް ދުރާލައި ރާވާ ކަމަށް އޭނާ ބުންޏެެވެ.

"އަސްލު ފުރަތަމަ މަސައްކަތް ފަށާއިރު މައިންޑްގަ ބާއްވަން މިފަހަރު ޗުއްޓީގަ ދާނީ މިވެނި ގައުމަކަށޭ. މިވެނި ދުވަސްކޮޅަކަށޭ ޗުއްޓީ ނަގާނީ. ދެން އެގޮތަށް ޕްލޭން ކޮށްފަ މި ބާއްވަނީ. ވަރަށް ބޮޑު ގުރުބާނީތަކެއް ވެގެން ކޮންމެ ކަމެއްވެސް ވާނީ. މިހެން ދަތުރުކުރަން ބައިވަރު ފައިސާ ބޭނުންވާނެ. އެހެންވެ ބައެއް ފަހަރު ޑަބަލް ޑިއުޓީވެސް ނަގާފަ ހުންނާނެ. އޭޑީކޭގަ ދެ އަހަރާއި ބައި ވަންދެން ވޯކްކޮށްފަ ކިޔަވަން ދިޔައީ. ޕެންޑެމިކާ ހެދި ބައެއް ކަންކަން މަޑުޖައްސާލަން ޖެހުނު. ބަޓް އައި ސްޓިލް ވޯކް ކޮވިޑް ކަންކަމުގަ އެކި ރިސޯޓުތަކަށް ގޮސް ބަލި މީހުން ބަލައިދެން. ވެކްސިން ޕްރޮގްރާމްގަވެސް ބައިވެރިވެގެން އެކަންކަމުގަވެސް އުޅެން."

މަސައްކަތުގައި ހެސް ކިޔާފައި ބިޒީ ކޮށް އުޅެމުން، ލިބޭ ޗުއްޓީތަކުގައި މިގޮތަށް ދަތުރުތައް ކޮށްލުމަކީ ސިކުނޑި ތާޒާވާ ކަމެއް ކަމަށް މިނާހު ގަބޫލު ކުރެއެވެ. އަދި އަބަދު މަސައްކަތުގައި އުޅުމުގެ ބަދަލުގައި މާހައުލު ބަދަލު ކޮށްލުމަކީ ވެސް ވަރަށް ބޮޑަށް ސްޓްރެސް ފިލާ ކަމެއް ކަމަށް ގަބޫލު ކުރެ އެވެ.

ބަޔޮލޮޖީއަށް ޖެހުނު ލޯތްބަކުން ވީ ޑޮކްޓަރަކަށް

"އަސްލު އެންމެ ފުރަތަމަ ބޭނުންވީ އައިޓީ ދާއިރާއިން ކުރިއަށް ދާން. އެހެންވެ މަލްޓި މީޑިއާ އާއި ގްރެފިކްސް ދާއިރާއިން ކުރިއަށްދާން ވެސް ބޭނުންވި. އެކަމަކު ގްރޭޑް ހަތެއް ނިންމާފަ ލަންކާ އަށް ބަދަލުވެފަ ކިޔެވުމާއިގެން ކުރިއަށް ދަނިކޮށް ދެން ބަޔޮލޮޖީ ކިޔަވަންފެށީ. ދެން ވަރަށް ބޮޑަށް ހިތް ޖެހުނު އެ މާއްދާ އަށް. ހާޓެއް ޑައިސެޓްކުރަން ލިބުނު ފުރުސަތެއްގަ ބޮޑަށް މިކަމަށް ޝައުގުވެރިކަން އުފެދުނީ. ވަރަށް ބޮޑަށް ރީސާޗް ކުރިން މިކަން ކަމުގެ އެކި މައުލޫމާތު. ދެން އެ ގޮތުގަ ކުރިއަށް ދިޔައީ."

ކަލާފާނު ސްކޫލުން ގްރޭޑް ހަތެއް ނިންމައި ކިޔެވުމުގެ ބާކީ ބައި އަވަށްޓެރި ސްރީލަންކާއިން ފުރިހަމަ ކޮށް އޯލެވެލް އަދި އޭލެވެލް ނިންމައި އެންމެ ބޮޑަށް ދެން މަސައްކަތް ކުރެވުނީ ޑޮކްޓަރަކަށް ވުމުގެ ހުވަފެނުގައި ކުލަ ޖެއްސުމަށެވެ.

މިނާހު ބުނި ގޮތުގައި އެންމެ ފުރަތަމަ މެޑިކަލް ދާއިރާއިން ކިޔަވަން ދިޔައީ މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީ އަށެވެ. އަދި މި ޔުނިވާސިޓީގެ މެޑިސިންގެ ފުރަތަމަ ބެޗުގައި އޭނާ ހިމެނުނެވެ. އެއަށް ފަހު 2015 ވަނަ އަހަރު ރާއްޖެ އައުމަށްފަހު އިންޓާންޝިޕަށް އޭނާ ބަންގްލަދޭޝްއަށް ދިޔަ އެވެ. އިންޓާންޝިޕް ނިންމާލުމަށްފަހު އަނެއްކާވެސް އެނބުރި ރާއްޖެ އައިސް އޭޑީކޭގެ އިމަޖެންސީގައި ދެ އަހަރާއި ބައި ވަންދެން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން އިނގިރޭސި ވިލާތުގެ އޮކްސްފާޑް ޔުނިވާސިޓީ އޮފް މެޑިކަލް ސްކޫލުން ތައުލީމު ހާސިލް ކުރުމަށް ލިބުނު ފުރުސަތުގައި އިންޓަނޭޝަނަލް ހެލްތު އޮފް ޓްރޮޕިކަލް މެޑިސިން އިން މާސްޓާސް ނިންމާލުމަށްފަހު އެނބުރާ ރާއްޖެ އައީ ފަހުރުވެރި ވަނަ އަކާއެކުގަ އެވެ.

"އޮކްސްފާޑުން ލިބުނު ފުރުސަތަކީ ޗާންސަކުން ލިބުނު ފުރުސަތެއް. އެންމެ ފުރަތަމަ ކުރިމަތިލީ އޮސްޓްރޭލިއާގަ އޮތް ޕްރޮގްރާމަކަށް. އެއީ ހޮސްޕިޓަލް މެނޭޖްމަންޓް އެންޑް ލީޑާޝިޕް ޕްރޮގްރާމަށް. ދެން އެކޮޅުން އަޅުގަނޑަށް ސްކޮލާޝިޕްވެސް ލިބިފަ އޮތީ. އެކަމަކު ޔަގީން ނުވެ އޮތީމަ ދެން ރިސާޗް ކުރީ ދުނިޔޭގެ ދެން ކޮން ޔުނިވާސިޓީތަކެއްގަ ތޯ ސްކޮލާޝިޕް ދެމުންދަނީ. ދެން އޮކްސްފޯޑު ފެނުނީ. އެތާނގަ 60 އިންސައްތަ ދަރިވަރުންނަކީ ސްކޮލާޝިޕްގަ ކިޔަވަމުން އަންނަ ދަރިވަރުން. އެހެންވެ އެތަނަށް އެޕްލައި ކުރީ. ދެން ފުރުސަތު ލިބުނީމަ އަޅުގަނޑު ވަރަށް މަސައްކަތް ކުރިން ރަން ވަނަ ހޯދަން. އެގޮތުން ޑިސްޓިންކްޝަނެއް އަޅުގަނޑަށް ލިބުނީ. އެއީ ވަރަށްވެސް އުފާވެރި ދުވަހެއް."

ކާމިޔާބީ އަށް ވާސިލު ވެވުނީ ގޮންޖެހުންތަކާ ކުރިމަތިލައިގެން

މިނާހު ބުނާ ގޮތުން އޭނާގެ ހަޔާތުގައި މިއަދާ ހަމަޔަށް އާދެވުނީ ކުރިން ރޭވި ގޮތާ ހިލާފަށް ކަމަށެވެ. ގިނަ ކާމިޔާބީތައް ހާސިލުކުރެވުނީ ގޮންޖެހުންތަކުގައި ހިފައިގެން ކަމަށް އޭނާ ބުންޏެވެ. އެގޮތުން މެޑިސިން ކިޔަވަމުން ދިޔައިރުވެސް ބޮޑެތި ގޮންޖެހުންތަކާ ދިމާވި ކަމަށާއި މާލީ ގޮތުންވެސް ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެކަމަކު އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބުނީ ހީވެސް ނުކުރާހާ ބޮޑެތި އެހީތެރިކަން ކަމަށާއި އެކަމަށް އަބަދުވެސް ޝުކުރިވާނެ ކަމަށެވެ.

މެޑިސިން އަކީ ހަގީގަތުގައި އެހާ ފަސޭހަ ދާއިރާއެއް ނޫން ކަމަށާއި މާލީ ގޮތުންވެސް ވަރަށް ބޮޑު ހަރަދު ދާނެ ދާއިރާއެއް ކަން އޭނާ ފާހަގަކުރި އެވެ. ގިނަ މީހުން ހީކުރަނީ މި ދާއިރާއަކީ ވަރަށް ގިނަ ފައިސާ ލިބޭ ދާއިރާއެއް ކަމަށް ނަމަވެސް ކިޔެވުމަށްދާ ހަރަދު ކަވަރު ކުރެވެނީ ވެސް ވަރަށް ދުވަހުގެ މަސައްކަތުން ކަމަށް ބުންޏެވެ. މި ދާއިރާއަށް ވަންނަން ޖެހޭނީ ފައިސާ ހޯދުމުގެ ނިޔަތުގައި ނޫން ކަމަށާއި މީހުންނަށް އެހީތެރިވެދީ މީހުންނަށް ހިދުމަތްކުރުމަށް މި ދާއިރާ ހިޔާރު ކުރުމުން އަސްލު ކާމިޔާބު ހާސިލު ކުރެވޭނެ ކަން ގަބޫލު ކުރާ ކަމަށްވެސް ބުންޏެވެ.

ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ މަންމަ

"މަންމަ އަކީ ގައުމީ އެވޯޑު ވިނާއެއް. މަންމައަށް އެ އުމުރުގަ އެހާ ބޮޑު ކާމިޔާބީއެއް ލިބުނީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ އަދި އަޅުގަނޑަކަށް މާ ބޮޑު މަސައްކަތެއް ނުކުރެވެޔޭ. އަސްލު އެންމެ ބޮޑު އިންސްޕިރޭޝަނަކީވެސް މަންމަ."

ކާމިޔާބީ ގެ މަގުގައި މިހާ ތަނަށް ކުރެވުނު މަސައްކަތުގެ ވާހަކަ ފަށަމުން މިނާހް ބުންޏެވެ. މިނާހް ފާހަގަ ކުރާ ގޮތުގައި މިހާތަނަށް ހާސިލު ކުރެވުނު ކާމިޔާބީތަކުގެ ފަހަތުގައި ގިނަ ބަޔަކު އެބަތިއްބެވެ. އާއިލާއާއި ރައްޓެހިންނާއި މަންމަ އާއި ބައްޕަގެ ފަރާތުން ހުއްޓުމެއްނެތި ލިބެމުންދިޔަ އެހީތެރިކަމާއި ހިތްވަރަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރެ އެވެ. ހާއްސަކޮށް މަންމަގެ ބުރަ މަސައްކަތް އޭނާ ފާހަގަކުރެ އެވެ.

"އަޅުގަނޑު ހަނދާންވޭ މާލޭގަ ސްކޫލްގަ އުޅޭއިރު ހެނދުނު ދާ ގޮތަށް ގެއަށް އާދެވޭނީ ރޭގަނޑު. ހެނދުނު ސްކޫލަށް ގޮސްފަ ނިމޭ ގަޑިއަށް މަންމަ އަންނާނީ ޔުނިފޯމް ބަދަލު ކޮށް ލާނެ ހެދުން ހިފައިގެން. ކާއެއްޗެހިވެސް ހިފައިގެން އަންނާނީ. އައިސް ހެދުން ބަދަލު ކޮށްގެން ކާންދީގެން ދެން ދާނީ ގުރުއާން ކްލާހުން ޓިއުޝަން ކުލާހުން އެހެން ގޮސް ހުރިހާ ކުލާސްތައް ނިމޭއިރު ހުންނާނީ އިރުއޮއްސިފަ. މަންމަ ހަގީގަތުގަވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދިން. މަންމަ ބޭނުންވަނީ މަންމަގެ ކޮންމެ ކުއްޖެއްވެސް މޮޅަށް ކިޔަވަން. ކިތަންމެ ވަރަކަށް ޝުކުރު އަދާކުރިޔަސް މަންމައަށް ހައްގު ޝުކުރު އަދައެއް ނުކުރެވޭނެ."

މިނާހް ފާހަގަ ކުރާ ގޮތުގައި އާއިލާގެ އެންމެން ފަރާތުންވެސް ލިބުނީ ބޮޑު ތަރުހީބެކެވެ. ބޮޑު ހިތްވަރެކެވެ. އޭނާ ބުނީ މިއަދު ހުރި މަގާމަށް އާދެވުމުގައި ބައްޕަގެ ފަރާތުންވެސް ލިބުނީ އާދަޔާ ހިލާފު ހިތްވަރެއް ކަމަށެވެ. ބައްޕަގެ ފަރާތުން ވެސް މެދުނުކެނޑި އަބަދުވެސް ލިބުނީ އުއްމީދު ކަމަށެވެ.

މިނާހަކީ ޒުވާން ޑޮކްޓަރެކެވެ. އިންސާނީ ހިދުމަތުގެ ނަމޫނާ އެކެވެ. ވަން އިން އެދެނީ މިނާހަށް އަދިވެސް އިތުރު ކާމިޔާބެވެ.