އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ވެސްޓްހަމް ވާދަ ކުރި މެޗު، 1-0 އިން ޗެލްސީ ކާމިޔާބު ކޮށްފިއެވެ.

ލަންޑަނަށް ނިސްބަތްވާ ޗެލްސީ އާއި ވެސްޓްހަމް ރޭގެ މެޗަށް ނުކުތީ ތާވަލުގެ ހަތަރު ވަނަ ހޯދުމަށް ގަދަ ހިފުމަކަށެވެ. މެޗަށް ނުކުތް އިރު ދެޓީމުވެސް ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފައި އޮތް އިރު، ޗެލްސީއަށް އޭރު ހަތަރު ވަނަ ލިބިފައި އޮތީ ހަމައެކަނި ގޯލުގެ ތަފާތުންނެވެ.

ނަމަވެސް ރޭގެ މެޗުން ހޯދި ހަނި މޮޅާއެކު ޗެލްސީއަށް ވަނީ 33 މެޗުން 58 ޕޮއިންޓާއެކު ހަތަރު ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބިފައެވެ. ވެސްޓްހަމް ފަސްވަނައިގައި އޮތީ 33 މެޗުން 55 ޕޮއިންޓު ހޯދައިގެންނެވެ.

ރޭގެ މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު އެޓީމުގެ ޖަރުމަނު ފޯވަޑް ޓީމޯ ވާނާ ޖަހައިދީފައިވާ އިރު، އެއީ ފެބްރުއަރީ މަހަށްފަހު ވާނާ ޖެހި ފުރަތަމަ ގޯލެވެ. ޖަރުމަނުގެ ލެއިޕްޒިގަށް މިދިޔަ ދެތިން ސީޒަންގައިވެސް ގިނަ ގޯލުތަކެއް ޖަހައިދީފައިވާ ވާނާ، ބޮޑު އަގުގައި ޗެލްސީއަށް ބަދަލުވި ފަހުން އެންމެ އެކަށީގެންވާ ވަރަށް ގޯލު ނުޖެހޭތީ ފާޑު ކިޔުން އަމާޒުވެފައިވެއެވެ.

ނަމަވެސް އޭނާގެ ތަފާސް ހިސާބަށް ބަލާ އިރު، މިހާތަނަށް 20 ގޯލެއް ޖެހުމުގައި ވާނާގެ ހިއްސާ ބޮޑެވެ. ގިނަ ގޯލުތަކަކަށް އެސިސްޓް ކޮށްދީ، ޕްރިމިއާ ލީގުގައި ޗެލްސީއަށް އެންމެ ގިނަ ގޯލު ޖަހައިދީފައި ވަނީވެސް ވާނާއެވެ.

ރޭގެ މެޗުން މޮޅުވުމާއެކު ޗެލްސީއަށް ހިތްވަރު އާވެފައިވާ އިރު، މި ހަފުތާ ތެރޭގައި އެޓީމުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަން ޖެހޭނެއެވެ. ޗެލްސީ ދެން ކުޅެން ޖެހޭ މެޗުގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ އަންގާރު ދުވަހުގެ ރޭގައެވެ.