ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ (ސަރުކާރު) އަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ނުކޮށްދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާއެއް ނުކޮށްދިނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ކަނޑައެޅުމަށް ބޭއްވި ހާއްސަ ޖަލްސާ އެކެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ އެ މައްސަލަ ދިރާސާ ކުރި ނުވަ މެންބަރުންގެ ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅައި ބަހުސްކޮށް އެކަަމަށް ގޮތެއް ނިންމުމަށް ވޯޓަށް އެހުމަށެވެ.
މިއަދުގެ ޖަލްސާ ފައްޓަވައި އެޖެންޑާ އިއުލާން ކުރެއްވުމަށްފަހު، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށާއި އެ މައްސަލައިގައި ޝިޔާމު ހަވާލާ ދެއްވަނީ، ފައިސާ ޗާޕުކޮށް ދަރަންޏަށް ފައިސާ ނެގޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވާންޖެހޭ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން ސަސްޕެންޑު ކޮށްފައި އޮތް އޮތުން ދަންމާލާތީ އެކަން އެގޮތަށް ނުކުރުމަށް ސަރުކާރަށް ގޮވާލެއްވުމަށް ކަމަށެވެ.
ނަމަވެސް އެ މައްސަލަ ކުއްލި މައްސަލައަކަށް ވާނީވެސް މިއަދު މަޖިލީހަށް އެޖެންޑާކޮށްފައި އޮތް، އޯޑީ ފެސިލިޓީގެ މުއްދަތު ސަރުކާރަށް އިތުރު ކޮށްދިނުމުގެ މައްސަލައަށް ވޯޓަށް އެހުމަށްފަހުގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މެންބަރަށް އެނގިވަޑައިގަންނަވާނެ، ކުއްލި މައްސަލަ ހުށަހެޅުމުގެ ޖާގަ ވީ އެންމެ ފުޅާ ދާއިރާއެއްގައި އަޅުގަނޑު ފުުރުސަތު ދެމުން މިދަނީ، ނަމަވެސް އެ މައްސަލަ ކުއްލި މައްސަލައަކަށް ވަނީވެސް މިއަދުގެ ވޯޓުގެ ފަހުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޝިޔާމުގެ މައްސަލަ މައްސަަލައަކަށްވެސް ނުވާ ކަމަށާއި އެއީ ކުއްލި މައްސަލައަކަށް ވާނީ މައްސަލައަކަށް ވެގެން ކަމަށެވެ. އެގޮތުން އެ މައްސަލަ މަޖިލިސް ގަވާއިދަށް ނުފެތޭކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ މަޖިލިސް ގަވާއިދުގެ 175 ވަނަ މާއްދާގެ (އ) (ވ) އަދި (މ) އާ ފުށުއަރާ ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 175 ވަނަ މާއްދާގެ (އ) ގައި ބުނެފައި ވަނީ، ހުށަހެޅިފައިވާ ބިލެއް ނުވަތަ މައްސަލައަކީ، ހިނގާނެ ބަހުސާ ގުޅޭ މައުލޫއަކަށް އޮތް މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި (ވ) ގައި ބުނަނީ އެ މައްސަލައަކީ އެ ދައުރުގައި މަޖިލީހުގައި ބަހުސްކޮށްފައިވާ މައްސަލައެއް އަލުން އުފަން ކުރުމަށް ހުށަހެޅޭ މައްސަލައަކަށް ވެގެން ނުވާނެ ކަމަށެެވެ.(މ) ގައި ވަނީ އެ ހުށަހެޅުމަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ ހުށަހެޅުމެއް ކަމުގައިވާން ވާނެ ކަމަށެވެ.
އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ މައްސަލަ މަޖިލިސް ގަވާއިދާ ފުށުއަރާ ކަމަށް އެހާ ސަރީހަކޮށް ބަޔާންކޮށްފައިވާތީވެ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް