ކިޔުބިކަލްތަކުގައި ފަރުވާދޭންޖެހޭ ކުޑަކުދިންނަށް އެކަށީގެންވާ ވަރަށް ނަރުހުންނާއި މެޝިން ނެތް ކަމަށާއި ހާލަތު ގޯސް ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޑަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑު ޖެހިފައި ހުއްޓައި ވިހެއި މާބަނޑު މީހުންގެ ތެރެއިން ވިހެއި ތިން ކުޑަކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެކުދިން ކޮވިޑަށް ނެގެޓިވް ކަމަށް ވިދާޅުވިއެވެ.
"އެ ކުދިން ނައްސިވިޔަސް ކޮންޓެކްޓުންނަށްވާތީ ފަރުވާދޭން ޖެހެނީ ވަކިކޮށްގެން، ވަކި ކިޔުބިކަލްތަކުގައި. އެކަށީގެންވާ ވަރަށް ނަރުހުން، މެޝިން، އެއްޗެހި ނެތް. ހާލަތު ގޯސް،" ފައިސަލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުންދާ އިރު، މިހާރުވެސް 101 ފަރާތަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. މިއަދުވެސް ވަނީ 218 މީހަކު ޕޮޒިޓިވްވެފައެވެ. އެގޮތުން މާލެ އިން 76 މީހަކު އަދި އަތޮޅުތެރެއިން 135 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި މިހާތަނަށް 27،621 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 3307 މީހެކެވެ. މިހާތަނަށް އެ ބަލިން 24،234 މީހަކު ފަސޭހަވެފައިވެއެވެ.