ސިއްހީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު މިއަދުން މިއަދަށް ގެއަށް ގެނެސްދިނުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

އެކަމަށް ގޮވާލައި އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާފުށީ ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އޮފިސަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އަޑުތަކެއް ފެތުރެމުންދާ ކަމަށެވެ. އެކަމާ މެދު ކަންބޮޑުވާ ކަމަށާއި އެކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވި އޮފިސަރުންގެ ތެރޭގައި "ސިޔާސީ ނުފޫޒުން ޖަލުގެ ތޭރިތަކުގައި ނުހައްގުން އަނިޔާ ދެމުންދާ ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ކަންކަން ބަލަހައްޓާ އޮފިސަރެއް ވެސް ހިމެނޭ ކަމުގެ މައުލޫމާތު،" ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެމަނިކުފާނަށް ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސްދިނުމަށް ގޮވާލާ ކަމަށާއި އެކަމުގައި އެމަނިކުފާނު ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް ޑޮކްޓަރުން ދީފައިވާ ލަފައަށް ރިއާޔަތް ކުރުމަށްވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަސް ނިމި، ދެވަނަ 10 ދުވަހަށް އެޅިފައި ވަނިކޮށް ޖަލުން ކޮވިޑް ފެނި، ރައީސް ޔާމީންގެ ސއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.