ސިއްހީ ކުލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ދިނުމަށްފަހު، އެ ހާލަތު ބާތިލު ކުރުމާއި އެ ހާލަތަށް ބަދަލު ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ރައްިޔތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން އެގޮތަށް ފާސްކުރީ، އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ބިލު އެގޮތަށް އިސްލާހުކޮށް ގެންނެވެ.

އާންމު ސިއްހަތުގެ ގާނޫނުގެ 33 ވަނަ ޟާއްދާގެ (ހ) ގައި މިހާރު އޮންނަނީ، އާއްމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓާ ޖެނެރަލް އަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅު ކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ނުވަތަ އެކަމުގެ ނުރައްކާ ކުޑ ކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ގަބޫލު ކުރެވޭ ނަމަ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް އިއުލާނު ކުރުމަށާއި، އެ އިއުލާން ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި އިއުލާން ކުރުމަށް ވަޒީރަށް ލަފާ ދެވިދާނެ ކަމަށެވެ. (ށ) ގައި ބުނަނީ، ވަޒީރަށް ޑިރެކްޓާ ޖެނެރަލް އެ ލަފާ ދީފި ނަމަ، ވަކި ސަރަހައްދަކށް، ވަކި ވަގުތަކަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތިވެއްޖެ ކަމުގެ އިއުލާނު ވަޒީރު ކުރަންވާނެ ކަމަށެވެ.

ނަަމަވެސް ގާނޫނުގެ އެ މާއްދާ ޖުޑިޝަރީ ކޮމިޓީން މިހާރު އިސްލާހު ކޮށްފައިވާއިރު، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ލިބިދެނީ ރައީސުލް ޖުމްހޫރިއްޔާއަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. އަދި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޑިރެކްޓާ ޖެނެރަލައަށް ފެނިއްޖެ ނަމަ، އޭނާ އެކަން ވަޒީރަށް އަންގައި، އެކަމުގެ ލަފާ ވަޒީރަށް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތަށް ވަޒީރަށް ދޭ ލަފާގެ މައުލޫމާތު ވަގުތުން ރައީސުލް ޖުމްހޫރިއްޔާއަށް ދޭން ވާނެ ކަމަށާއި، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިއުލާންކުރާ ހާލަތުގައި އަމަލު ކުރާނީ ގާނޫނު އަސާސީގެ 11 ވަނަ ބާބު (ކުއްލި ނުރައްކަލުގެ ހާލަތު) ގައިވާ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށްވެސް އިސްލާހުގައި ބުނެފައި ވެއެވެ.

އެހެންކަމުން ގައުމަށް ދިމާވާ އެހެނިހެން ކަންތަކުގައި އަމަލު ކުރާ ގޮތަށް، މި އިސްލާހު ގާނޫނަށް އައުމާއެކު ސިއްހީ ކުލި ނުރައްކަލުގެ ހާލަތުގައިވެސް އަމަލު ކުރާނީ ގާނޫނު އަސާސީގެ 11 ވަނަ ބާބުގައިވާ ގޮތަށެވެ.

ގާނޫނު އަސާސީގެ 11 ވަނަ ބާބުގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި ކުއްލި އެ ހާލަތު އިއުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުން ނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި މަޖިލިސް އެއްކޮށް އެ ގަރާރު މަޖިލީހުން ފާސްކުރަން ހުށަހަޅަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސުލް ޖުމްހޫރިްޔާ ނެރޭ ގަރާރުގެ ވަކި ބައެއް ނުވަތަ މުޅި ގަރާރު އެކުގައި ފާސް ކުރުމާއި، އެ ގަރާރު ބާތިލު ކުރުމުގެ ބާރުވެސް 11 ވަނަ ބާބުގައި ރައްޔިތުންގެ މަޖިލީހަށް ވަނީ ދީފައެވެ. އަދި ކުއްލި ނުރައްކަލުުގެ ހާލަތު އިތުރު ކުރެވޭނީ އެކަމަށް އެދި މަޖިލީހަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

މި އިސްލާހު ކޮމެޓީން ފާސްކޮށް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.