ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުގައި، ކާޑު ބަސްތާތަކެއް އުފުލުމުގެ ތެރޭގައި ބަސްތާތަކެއް ވެއްޓި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
އެސްޓީއޯގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަބްދުﷲ މުހައްމަދު (އަބޯ) "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އަނިޔާވި ތިން މީހުންނަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އަބޯ ވިދާޅުވީ ކާޑު އުފުލުމުގައި އާންމުކޮށް މަސައްކަތް ކުރާނީ ބިދޭސީ މުވައްޒަފުން ކަމަށާއި ނަމަވެސް މި ހާދިސާގައި އަނިޔާވެފައިވަނީ ބިދޭސީންތަކަކަށް ކަމެއް އަދި ސާފުނުވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މި ތިން މީހުންގެ ގަޔަށް ވެއްޓިފައިފައިވަނީ ހަނޑޫ ބަސްތާތަކެކެވެ. އަދި މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ހުސައިން ޝާކިރު "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ ކާޑު ބަސްތާތަކެއް ވެއްޓި އަނިޔާވެގެން ތިން ބިދޭސީއަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.
މި ތިން މީހުންނަށްވެސް އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ އިރު، އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާލަތުވެސް އަދި ސާފުނުވާ ކަމަށް ޝާކިރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު