މިމަހުގެ ދިހަވަނަ ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ތަފާތު އެކި މައްސަލަތައް ދިމާވެގެން ހަތަރު ދާއިރާއަކުން އަލުން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށް ނިމިފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކައުންސިލް އިންތިހާބު ހަތަރު ދާއިރާއެއްގައި އަލުން ބާއްވަން ޖެހޭނެ ކަމަށެވެ. އަދި އިންތިހާބު ބާއްވާނެ ތާރީހެއް މިއަދު ހަވީރުގެ ވަގުތެއްގައި އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ލ. މާވަށާއި ތ. ގާދިއްފުށީގައި އަލުން ވޯޓުލާން ނިންމާފައިވަނީ އެ ވޯޓު ފޮށިތަކަށް ދާއިރާ ނޫން ބަޔަކު، އޮޅިގެން ވޯޓުލާފައިވާކަން ސާބިތުވުމާ ގުޅިގެން ކަމަށެވެ. ނަމަވެސް ދާއިމީ ނަތީޖާ އިއުލާންކޮށް ނިމުނު އިރު އަލުން އިންތިހާބު ބާއްވަންޖެހޭ އިތުރު ދާއިރާތަކެއްވެސް ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އަލުން އިންތިހާބު ބާއްވަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ކައުންސިލް ދާއިރާތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދާއިރާތައް ހިމެނޭ ކަމަށެވެ. އެގޮތުން ކައުންސިލް އިންތިހާބުގެ ނަތީޖާ އެއްވަރުވުމުގެ ސަބަބުން ހަތަރު ދާއިރާއެއްގެ އިންތިހާބު އަލުން ބާއްވަން ޖެހޭނެ ކަމަށެވެ. އެ ދާއިރާތަކަކީ ހއ. ތަކަންދޫ. ބ. ކިހާދޫ، މ. ރަތްމަންދޫގެ އިތުރުން ފ. ދަރަނބޫދޫއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިހާބު ބާއްވަން ޖެހޭ ރަށްތަކަކީ، ލ. ކަލައިދޫ، ހއ. އުލިގަން، ރ. މާކުރަތު، ބ. ކެންދޫ، ނ. މަގޫދޫ، ވ. ފުލިދޫ އަދި ނ. މިލަދޫއެވެ.

މީގެ އިތުރަށް ހަބީބު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބޭނުންވާ އަދަދަށްވުރެ މަދުން ހަތް ދާއިރާއަކުން ކުރިމަތިލާފައިވާތީ މި ހަތް ދާއިރާގައިވެސް އަލުން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. އެއީ ހދ. ނޮޅިވަރަމް، ހދ. ނޭކުރެންދޫ، ބ. ފުޅަދޫ، ކ. ދިއްފުށި، އއ. ފެރިދޫ، މ. ރަތްމަންދޫ އަދި ވ. ރަކީދޫއެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންދިޔަ އިރު، އިންތިހާބުގައި ވާދަކުރީ 3934 ކެންޑިޑޭޓުންނެވެ. އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރި 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރި 1670 ކެންޑިޑޭޓުންނެވެ.