މިމަހުގެ 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށް ނިންމާލައިފިއެވެ.
މިމަހުގެ 18 ވަނަ ދުވަހު ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިންމުމަށްފަހު ދާއިމީ ނަތީޖާތައް އިއުލާންކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ދާއިމީ ނަތީޖާތައް އިއުލާންކޮށް، މިހާރު ނަތީޖާތައް ވެސް ވަނީ ގެޒެޓުކޮށްފައެވެ.
މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑު ނާކާމިޔާބީއެއް ލިބިގެން ދިޔައީ މާލެ ސިޓީންނެވެ. އެގޮތުން މޭޔަރު ގޮނޑިއާއެކު އިދިކޮޅު ޕީޕީއެމުން ވަނީ މާލޭގެ ގިނަ ގޮނޑިތަކެއް ނަގައިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރުގެ މައްޗަށް ކުރި ހޯދައި، މާލޭގެ މޭޔަރުގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ އިދިކޮޅު ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މާލޭގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ގެއްލުނު ނަމަވެސް، ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ގިނަ ގޮނޑިތަކެއް ހޯދައި، މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީންނެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ މޭޔަރު ގޮނޑި ހިމެނެއެވެ.
ބައެއް ދާއިރާތަކުގެ ވޯޓު އަލުން ގުނުމަށް އެމްޑީޕީން އެދުނު ނަމަވެސް، އިންތިހާބަށް އަސަރުކުރާނެ ވަރުގެ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު