މާލޭގައި 14 ބުރީގެ ދެ ފުލެޓް އަޅަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅަން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ، މާލޭގެ ދެ ސަރަހައްދެއްގައި ވިޔަފާރި އުސޫލުން މާލޭގެ މިކްސްޑް ރެސިޑެންޝަލް ހައުސިން ފްލެޓުތަކެއް އެޅުމަށް ޝައުގުވެރިވާ ދިވެހި އަދި ބޭރުގެ ކުންފުނިތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ދެ ފްލެޓު އަޅަން ހަމަޖެހިފައިވަނީ މާލެ ބްލޮކް ނަމްބަރު 307 އަދި 319 ގައެވެ. މި ދެ ބިމުގެ ތެރެއިން ބްލޮކް ނަމްބަރު 307 ބިމުގެ ބޮޑުމިނަކީ 231،073.78 އަކަފޫޓެވެ. އަދި ބްލޮކް ނަމްބަރު 319 ބިމުގެ ބޮޑުމިނަކީ 173،229.56 އަކަފޫޓެވެ.

އެފްޑީސީގެ އިއުލާނުގައި ބުނެފައިވާ ގޮތުން، މި ދެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެއެވެ.

މި މަސައްކަތަށް މިމަހުގެ 29 ވުމުގެ ކުރިން ބިޑް ރަޖިސްޓަރީ ކުރަންޖެހެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހެވެ. ބިޑު ހުޅުވުންވެސް އޮންނާނީ އެދުވަހުއެވެ.

ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، މާލޭގެ ލޭބާ ކުއާޓަރުތަކާއި ހުސް ބިންތަކުގައި ފްލެޓު އެޅުމަށް ސަރުކާރުން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.