ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެފައި ވަނީ ސުޕަ ލީގަކީ ކޮންމެހެންވެސް ގެންނަން ޖެހޭނެ ލީގެއް ކަމަށެވެ. ބާސާއިން ލީގުން ވަކިވެސް ވެފައިނުވާ އިރު، ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނާ ޕެރޭޒް އަދި ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނޭލީއާއެކު ބާސާގެ ރައީސް ހުންނެވި ކަމަށް ލަޕޯޓާގެ ވާހަކަތަކުން ދޭހަވިއެވެ.

ކޮންމެއަކަސް 12 ޓީމަކާއެކު ސުޕަ ލީގެއް އިއުލާން ކުރުމާއެކު ފުޓުބޯޅަ މަޝްރަހު ބަދަލުވެ، ޔޫއެފާއިންނާއި ފީފާގެ އިންޒާރުތައް ފުލުފުލުގައި ކްލަބުތަކަށް ދީފައިވެއެވެ. އެ ހަލަބޮލި ކަމުގައި ލީގު އިއުލާން ކުރިތާ 48 ގަޑި އިރު ތެރޭގައި ލީގު މުޅިން ހަލާކުވެސް ވެއްޖެއެވެ. ޖަރުމަނު ކްލަބުތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ލީގަށް ނޫނެކޭ ބުނެފައިވާ އިރު، ބައިވެރިވި އިނގިރޭސި ކްލަބުތައް ވަކިވެ، މިހާރު އިޓަލީ ކްލަބުތައްވެސް ވަނީ ވަކިވެފައެވެ.

"ކުޅިވަރުގެ މެރިޓް ތެރެއިން ތަފާތު، މީހުން ބަލާ ހިތްވާ ފަދަ މުބާރާތްތައް ބޭއްވުމަކީ ރެވެނިއުއަށްވެސް މުހިންމު ކަމެއް. ސުޕަ ލީގަކީ މުހިންމު ލީގެއް. ޔޫއެފާއާއެކު ވާހަކަ ދައްކަންވެސް އަހަރެމެން ތައްޔާރު. ބޮޑެތި ކްލަބުތަކަށް މިފަދަ ފުރުސަތުތައް ނުލިބޭ ނަމަ އެ ކްލަބުތަކަށް ކުރިއަރަން އުނދަގޫވާނެ. އެކަމަކު ބާސާގެ ފަހު ބަހަކީ މެމްބަރުންގެ ބަސް،" ލަޕޯޓާ ވިދާޅުވެފައިވެއެވެ.

ލަޕޯޓާ މީޑިއާ ކުރިމަތީގައި ސުޕަ ލީގާ އެއްކޮޅަށް ހުރި ނަމަވެސް، އެމެރިކާ ނޫސްތަކުން ބުނެފައިވާ ގޮތުން، ކުރީ ބައިގައި ސުޕަ ލީގުގެ ކަންކަން ލީކު ކޮށްލައި ލަލީގާ ރައީސް ހާވިއާ ތޭބަސް މެދުވެރިކޮށް، ޔޫއެފާ ރައީސް އެލެކްސެންޑްރާ ކެފެރިންއަށް މައުލޫމާތު ހިއްސާކުރީ ބާސާއިންނެވެ. ބާސާގެ ރައީސް ލަޕޯޓާގެ އެ މައުލޫމާތާއެކު ކެފެރިންނަށް ގާނޫނީ ތައްޔާރީތަކަށް ވަގުތު ލިބި، އެހެން ކްލަބުތަކުން ތާއީދު ހޯދުމަށް ފަސޭހަވި ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ލަލީގާގެ ރައީސް ތޭބަސް ވިދާޅުވެފައި ވަނީ ސުޕަ ލީގު މިހާރު އެއްކޮށް ފެއިލްވެފައިވާކަން ސްޕެއިން ކްލަބުތަކުންވެސް ގަބޫލުކުރަންޖެހޭ ކަމަށާއި އެކަން އެހެންވީ ޔޫއެފާއިން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުން ކަމަށެވެ. ރެއާލް އާއި އެތުލެޓިކޯ އަދި ބާސާއިން ސުޕަ ލީގަށް ދިޔަ ނަމަވެސް، ލަލީގާއިން ވަކިވާން މަސައްކަތް ކޮށްފައި ނުވާތީ އަދި ފިޔަވަޅު ނާޅާނެ ކަމަށްވެސް ތޭބަސް ބުނެފައިވެއެވެ.