މުމްބާއީން ދިއްލީއަށް އޮކްސިޖަން ސިލިންޑަރު ފޮނުވުމަށް ސުޝްމިތާ ސެން އާއްމުންގެ އެހީތެރިކަމަށް އެދުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިންޑިއާގެ ކޮވިޑުގެ ހާލަތު ގޯސްވެ ދިއްލީގެ ހޮސްޕިޓަލަކުން އޮކްސިޖަން އަށް ޖެހިފައިވާ ކަން އެ ހޮސްޕިޓަލުގެ ސީއީއޯ ޝާންތީ ބުނެފައިވަނީ އޭއެންއައި އަށް ދީފައިވާ އިންޓަވިއުއެއްގަ އެވެ.

މި ހަބަރާ ގުޅިގެން، ސުޝްމިތާ ޓުވިޓާގައި ބުނީ ކޮންމެވެސް ވަރަކަށް އޮކްސިޖަން ސިލިންޑަރު ހޯދިފައިވާ ކަމަށާއި ނަމަވެސް މުމްބާއީން ދިއްލީއަށް ފޮނުވާނެ ގޮތަކާ މެދު އެހީތެރިކަމަށް އެދޭ ކަމަށެވެ.

އޮކްސިޖަން ލިބުމުގެ ދަތިކަން އިންޑިއާގެ ހުރިހާ ހިސާބަކަށް ވެސް ކުރިމަތިވެފައިވާއިރު މުމްބާއީގެ ހޮސްޕިޓަލަކަށް ދިނުމުގެ ބަދަލުގައި ދިއްލީއަށް އޮކްސިޖަން ފޮނުވާތީ މީހަކު ވަނީ ސުވާލުވެސް އުފައްދާފައެވެ.

އޭގެ ޖަވާބުގައި ސުޝްމިތާ ބުނީ އޭނާއަށް އެނގިފައިވާ ގޮތުގައި މުމްބާއީގައި މިވަގުތަށް ބޭނުންވާ ވަރަށް އޮކްސިޖަން އެބަހުއްޓެވެ. ނަމަވެސް ދިއްލީގެ އަދި ހާއްސަކޮށް ކުދި ހޮސްޕިޓަލުތަކަށް އޮކްސިޖަން ގެ ބޭނުން ޖެހިފައިވާ ކަމަށެވެ.

އިންޑިއާގައި ކޮވިޑުގެ ދެވަނަ ރާޅާއެކު ބައެއް ސަރަހައްދުތައް ވަރަށް ހާލުގައި ޖެހިފައިވާ މިދަނޑިވަޅުގައި، އެހީތެރިކަން ފޯރުކޮށްދިނުމުގައި ސުޝްމިތާ ސެންގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ، ސޯނަމް ކަޕޫރު، ބޫމީ ޕެޑްނޭކަރު ފަދަ ބޮލީވުޑު ތަރިން އަންނަނީ މީސްމީޑިއާ މެދުވެރިކޮށް އެކިގޮތް ގޮތުން އެހީތެރިކަމާއި އެއްބާރުލުން ދެމުންނެވެ.