މި މަހުގެ 1 ވަނަ ދުވަހުގެ ފަހުން ބ. އޭދަފުށިން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އޭދަފުށިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެރަށު ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެމީހާ ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް ވަނީ މިއަދު މޮނީޓަރިންގެ ހާލަތަށް ލައިފަ އެވެ. އޭގެ ފަހުން ބަލީގެ އަލާމާތް ހުރެގެން އެ ރަށު ފުލޫ ކްލިނިކަށް ދެއްކި އިތުރު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މި ދެ މީހުންވެސް ޕޮޒިޓިވް ވެފައިވަނީ ދެ ކްލަސްޓާއަކުން ކަމަށް އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އަދި މި ކުލަސްޓާތަކުން މިހާތަނަށް 37 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، އޭދަފުށިން ކޮވިޑަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާތީ މިމަހު އެކެއްގެ ފަހުން އެެރަށުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް އެންގުން އެދޭ ކަމަށެވެ.

އަދި އެ ތާރީހުގެ ފަހުން އޭދަފުށިން ގޮސްފައިވާ ފަރާތެއްވާނަމަ، އެރަށުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އަދި އެ މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ މީހުން ވެސް ސާމްޕަލްއެއް ނަގައި ޓެސްޓުކުރަން ވަނީ އަންގައިފަ އެވެ.

އެޗްޕީއޭ އިން ބުނީ، 10 މާރިޗްގެ ފަހުން އޭދަފުށިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފުލޫ ކުލިނިކު، ހުޅުމާލޭ ފުލޫ ކުލިނިކު އަދި ވިލިމާލޭ ފުލޫ ކުލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދޭ ކަމަށެވެ.

އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށާއި އަދި މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލްއެއް ނަގައި ޓެސްޓު ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ