ހިޔާ ފްލެޓުގެ އިތުރު ކެޓަގަރީތަކުން ފްލެޓް ލިބުނު މީހުންގެ ފްލެޓް ނަންބަރު ކަނޑައެޅުމަށް ނަގާ ގުރުއަތުލުންތައް އަންނަ އާދިއްތަ ދުވަހުން ކުރިއަށްގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ގުރުއަތުލުން ފުރަތަމަ ކުރިއަށްގެންދިޔައީ އެޗް-10 (ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ) ކެޓަގަރީންނެވެ. އެ ކެޓަގަރީގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
އެޗްޑީސީން ބުނީ ހިޔާ ފްލެޓުގެ ގުރު ނެގުމުގެ ދެވަނަ ބުރުގައި ގުރުއަތު ނަގާނީ، އެޗް-4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ)، އެޗް-5 (ޓީޗަރުންނަށް ހާއްސަ)، އެޗް-6 (އެކަނިވެރި މައިންބަފައިންނަށް ހާއްސަ)، އެޗް-7 (18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ)، އެޗް-8 (މާލޭ ރަށްވެހިންނަށް ހާއްސަ)، އެޗް-9 (މާލޭގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ހާއްސަ) އަދި ސިވިސް ސާވިސް މުވައްޒަފުންނަށް ހާއްސަ (ފަންނީ، އިދާރީ ސަޕޯޓުގެ) ކެޓަގަރީތަކަށް ކަމަށެވެ.
މީގެ އިތުރުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފްލެޓް ލިބި، ފްލެޓަށް ފައިސާ ނުދެއްކިގެން ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފްލެޓް ހިޔާރުކޮށްފައިވާ ފަރާތްތަކާއި ގުޅީފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފްލެޓް ހިޔާރުކޮށްފައިވާ ފަރާތްތަކުގެ ގުރު ނެގުންވެސް މި ބުރުގައި ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، ގުރުނެގުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ދަންފަޅި ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ އިރު، ދެވަނަ ދަންފަޅި މެންދުރުފަހު 1:00 އިން 3:00 އަށް ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފައެވެ.
ހިޔާ ފްލެޓްތަކުގައި ޖުމްލަ 6720 ފްލެޓް ހިމެނެއެވެ. މީގެ ތެރެއިން 188 ފްލެޓުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވާ އިރު، ބާކީ ގުރުއަތު ނުލެވި ހުރީ 6532 ފްލެޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު