ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑްގެ ވެކްސިން ނޫން އެހެން ބްރޭންޑެއްގެ ވެކްސިންއެއް ދެވަނަ ޑޯޒްގެ ގޮތުގައި ދިވެއްސެއްގެ ގަޔަށް ޖެހިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ދެ ބްރޭންޑެއްގެ ދެ ވެކްސިނެއް މީހަކަށް ދެވިފައިވާ ކަމަށާއި އެކަމާ ގުޅިގެން ޑބްލިއުއެޗްއޯ އާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ފުރަތަމަ ޑޯޒް ޖެހީ ވެކްސިންގެ އެހެން ބްރޭންޑެއް. ދެވަނަ ޑޯޒް އެހެން ބްރޭންޑެއް. މިކަން މިވަނީ މިހެން ވެފަ. އެކަމަކު ދެން މިފަދަ ކަމެއް ނުވާނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯއާވެސް މަޝްވަރާ ކުރަމުން މިދަނީ. އަދި ވަރަށް ގާތުން އޭނާގެ (ވެކްސިން ދިން މީހާގެ) ކަންކަން މިދަނީ ރަނގަޅަށް މޮނިޓާ ކުރަމުން." އޭނާ ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ މިހާތަނަށް ހެދިފައިވާ ދިރާސާތަކަށް ބަލާއިރު، ދެ ބްރޭންޑެއްގެ ވެކްސިން ޖެހިޔަސް އެ މީހަކަށް މާބޮޑު ގެއްލުމެއް ނުވާނެ ކަމަށާއި އަދި އެއް ބްރޭންޑެއްގެ ދެ ޑޯޒް ވެކްސިނުން ލިބޭ ފައިދާ ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާތީ މިކަމުގެ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވެކްސިން ކާޑުގައިވާ ގޮތުން ޗައިނާގެ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާއިރު، އެމީހާއަށް ދެވަނަ ޑޯޒު ދީފައިވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުންނެވެ.