ރަށްރަށަށް ދިއުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ސާމްޕަލް ކަލެކްޝަން ސެންޓަރުތަކުން ހިލޭ ސާމްޕަލް ނަގައިދޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އުސޫލުގައި ބުނެފައިވާ ގޮތުން، އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދެވިފައިވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދެ ޑޯޒް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކުގައި ކަމަށާއި އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީންނަށް ވެސް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ކަމަށްވެސް އުސޫލުގައިވެއެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ކްލަސްޓާގެ ފަރާތުން ފާތުމަތު އަނާ ވިދާޅުވީ ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކަށް ހިލޭ ޕީސީއާރު ޓެސްޓުު ހެދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެގޮތުން މިހާރުވެސް ރިލީޒް ސާމްޕަލް ނަގަމުން އަންނަ ފުލޫ ކުލިނިކްތަކުން ޕީސީއާރު ޓެސްޓް ހިލޭ ހެދޭނެ ކަމަށް ވިދާޅުވިއެވެ.
އަނާ އިތުރަށް ވިދާޅުވީ އާބާދީގެ 60 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދެވިފައިވަނީ 120 ރަށެއްގައި ކަމަށާއި ދެ ވަނަ ޑޯޒު އާބާދީގެ 60 ޕަސެންޓަށް ދެވިފައިވާ އެއްވެސް ރަށެއް އަދި ނެތް ކަމަށެވެ. އެހެންކަމުން ރަށްރަށަށް ދަތުރު ކުރެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު