ރޯދަ ދޫކޮށްލި މައްސަލައަކާ ގުޅިގެން، ފުލުހުންގެ ކޮސްޓެބަލްގެ ވަޒީފާއިން ރ.މަޑުއްވަރީ ސީސަންގެ އަބުދުﷲ ޖާމިއު ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ މީގެ 11 އަހަރު ކުރިން 1429 ވަނަ އަހަދުގެ ރޯދަމަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 6:00 އެހާކަންހާއިރު ޝަރުއީ މަގުބޫލު އުޒުރެއް ނެތި އައްޑޫ ޕޮލިސް އެކަޑަމީގެ މެސް ރޫމްގައި ހުންނަ ފެން އިސްކުރުބަރިން ފެންބޮއި، ރޯދަ ދޫކޮށްލި ކަމަށް ބުނެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގައި ޖާމިއުގެ މައްޗަށް ކޮށްފައިވާ ދައުވާއެކެވެ.
މި މައްސަލައިގައި، އެ އިސްކުރުބަރިން ފެންބޮއި ރޯދަ ދޫކޮށްލާފައިވާކަން ހެކިންގެ ހެކި ބަހުން ޝަރީއަތަށް ސާބިތުވާ ކަމަށް ބުނެ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ޖާމިއު ކުށްވެރިވާކަމަށް ކަނޑައަޅައި، އުގޫބާތެއްގެ ގޮތުން އޭނާ ހަ މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށާއި، އޭނާ ދޫކޮށްލި ރޯދަ ގަލޯ ކުރުމަށް އަންގައި ޖިނާއީ ކޯޓުން ހުކުމް ކުރިއެވެ.
ޖިނާއީ ކޯޓުގެ އެ ހުކުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަވިސްގައި ޖާމިއު އެއިރު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިއެވެ.
ނަމަވެސް އެ މައްސަލައިގައި، ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމް ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ޖާމިއުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޖާމިއުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ. އެހެންކަމުން ޖިނާއީކޯޓުން ޖާމިއުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް، އެގޮތުގެ މަތީން މައްސަލަ ނިންމައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށްވެސް، ހުކުމްގައި ބުނެފައިވެއެވެ.
ޖިނާއީ ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލު ކުރުމުން، އެއިރު އޭނާ އަދާކުރި ވަޒީފާ އަލުން ހަމަޖައްސައިދިނުމަށް އެދިި ފުލުހުންނަށް ހުށަހެޅިއެވެ.
ނަމަވެސް ފުލުން އޭނާގެ ވަޒީފާ ހަމަޖައްސައެއް ނުދިނެވެ.
އެހެންކަމުން ޕޮލިހުގައި އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، އެދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތަކާއި ކުރިއެރުންތައް ލިބިދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޖާމިއުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، ޖާމިއު ހަ މަސްދުވަހަށް އަރުވައިލުމަށް ޖިނާއީ ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލު ކޮށްފައި ވުމުން، މީހަކު ކުރި އަމަލެއްގައި އުފެދޭ އަހުލާގު، ކުށުގެ ޖިނާއީ ބައި ސާބިތު ނުވުމަކީ، އެ އަމަލުގެ އަހުލާގުގެ ކުށުގެ އިދާރީ ފިޔަވަޅު އެޅުމުގެ މަދަނީ ބައި ނަފީ ކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ފުލުހުންގެ
ކޮންސަޓްބަލްކަމުގެ ވަޒީފާއިން ޖާމިއު ވަކިކުރި ކުރުން ބާއިލުކުރާނެ ހަމައެއް ނެތް ކަން ޝަރީއަތަށް ސާބިތު ވާތީ އޭނާ އެދިފައިވާ ގޮތަށް އެވަޒީފާ އާއި އެދުވަސްތަކުގެ އިނާޔަތްތަކާއި ކުރިއެރުން ދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ޝަރީއަތުގެ ފަރާތުން އަންގާނެ ތަނެއް ނެތް ކަމަށް ވެސް ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.
ސިވިލްކޯޓުގެ އެ ހުކުމް ޖާމިއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މައްސަލަ ބައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، ސިވިލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަމަށް އެ ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.
އެންމެ ފަހުން ހައިކޯޓުން ކުރި ހުކުމް ޖާމިއުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލަ ބަލައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިއާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވީ، ޖާމިއު ވަޒީފާއިން ވަކިކުރި ފަހުން 11 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައި ވާތީ، ޖާމިއުގެ ވަޒީފާ އަލުން އަނބުރާ ރުޖޫއަ ކުރުމަށް އެންގުމަކީ، އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
"އެހެނީ ފާއިތުވި މުއްދަތުގެ ތެރޭގައި، ފުލުހުންގެ ތެރެއަށް އަލަށް ރެކްރޫޓު ކުރާ މީހުންގެ ޝަރުތުތައް ބަދަލު ވުމުގެ އިހްތިމާލު އޮތުމާއި، ޖާމިއުއާ އެކު ރެކްރޫޓު ކުރި ފުލުހުން ވެސް އިތުރު ތަމްރީނުތައް ހަދައި އެމީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފަދަ ކަންތައް މިހާރު ބަދަލު ވުމުގެ ފުރުސަތު އޮތްއިރު، ފުލުހުން ކުރާ މަސައްކަތުގެ ތޮބީއަތަށް ރިއާޔަތް ކުރާއިރު ޖާމިއުއަށް މިހާރު އެ އިދާރާއިން ޕޮލިސް ކޮންސްޓެބްލް ވަޒީފާ ހަމަޖައްސައިދިނުމަށް އެންގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ، އަބުދުﷲ ޖާމިއު ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދާ ހިލާފަށް ކަމަށްވާތީ، އަބުދުﷲ ޖާމިއުގެ ވަޒީފާ އަލުން އަނބުރާ ރުޖޫއަ ކުރުމަށް އެންގުމުގެ ބަދަލުގައި މި މައްސަލައިގައިވާ ހާލަަތަށް އެންމެ އަދުލުވެރި ހައްލަކީ އަބުދުﷲ ޖާމިއުއަށް ގެއްލުމުގެ ބަދަލު ނަގައިދިނުން،" މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ރައުޔު އިއްވަމުން ވިދާޅުވިއެވެ.
މި މައްސައިގައި އުއްތަމަ ފަނޑިޔާރުގެ ރައުޔަށް، މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރު ތާއީދު ކުރެއްވިއެވެ.
އެހެންކަމުން މި މައްސަލައިގައި ޖާމިއުއަށް ނަގައިދެވޭނެ ގެއްލުމުގެ ބަަދަލުގެ މިންވަރު ކަނޑައެޅުމަށް މި މައްސަލަ ސިވިލްކޯޓަށް، ތަހުވީލު ކުރުމަށްޓަކައި މި މައްސަލަ ހައިކޯޓަށް ތަހުވީލު ކުރުމަށް މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓް