އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ މޫނު ރަމްޒުކޮށްދޭ މާސްކު އަޅައިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރުން އިހުތިޖާޖަށް ނުކުމެއްޖެއެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ސަރަހައްދުން އެ އެއްވުން ފެށީ މިރޭ 9:45 ހާއިރުއެވެ. އެ އެއްވުމުގައި ޕީއެންސީ/ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެއްވުމުގެ ބައިވެރިން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި އެމަނިކުފާނަށް އަނިޔާ ނުކުރުމަށް ގޮވާލަމުންނެވެ.
އިދިކޮޅު އެއްވުން ކުރިއަށްދާ ސަރަހައްދުގައި އެސްއޯ ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެސްއޯ ފުލުހުންގެ ފައުޖެއް އެ ސަަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު، އެސްއޯ ފުލުހުން ތިބީ ބޮޑުތަކުރުފާނު މަގުން ދެކުނަށް އެއްވުމުގެ ބައިވެރިންނަށް ނުދެވޭ ގޮތަށް މަގު ބަންދުކޮށްގެންނެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރުވެސް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއްވެސް ވަނީ ކޮށްފައެވެ. އަދި މީގެ ކުރިންވެސް އެމަނިކުފާނު ވަނީ އެތައް ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފައެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިހާރު ވަނީ 500 އަށްވުރެ ގިނަ ދުވަސް ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު