ކޮވިޑާ ގުޅިގެން އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ނުވަތަ އިތުރަށް ޗާޕްކޮށްފައިވާ ކަމަށާއި މިއަހަރު ނިމޭއިރު އެ އަދަދު އަނބުރާ ދައްކައި ސެޓްލް ކުރެވޭ ވަރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ، ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވާޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމުގެ މައްސަލަ ދިރާސާކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތުގެ ހާލަތަށް ބަލާ އިރު، ޕަބްލިކް އެކައުންޓުން އޯވަޑްރޯ ނުކޮށް ދައުލަތުގެ ހަރަދުތައް މެނޭޖްކުރެވެން ނެތް ކަމަށެވެ.
ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލުތައް އަންނަތަން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އުންމީދަކީ އާމްދަނީ ލިބޭ ވަރަކުން ފައިސާ ދައްކަމުން ދިއުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތަށް ކޮންމެ ދުވަހަކު ވެސް ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން އެ އަދަދު ސެޓްލްވެ ބަދަލުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 އިން ފެށިގެން ދީފައިވާ އެއް އަހަރު ދުވަހުގެ މުއްދަތު އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް މިނިސްޓަރު ވިދާޅުވީ، 4.4 ބިލިޔަން ރުފިޔާއަށްވުރެ އިތުރަށް އޯވަޑްރޯ ނުކުރާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުގެ ފުރުސަތު އެމްއެމްއޭއިން ނުދޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ނޭދެވޭ އަސަރު ކުރާނެކަން ފާހަގަކުރައްވައި އެކަމާބެހޭ ބައެއް ތަފްސީލުތައްވެސް އަމީރު އެ ކޮމިޓީއަށް ދެއްވިއެވެ.
އަމީރު މިހެން ވިދާޅުވެފައިވާ އިރު، މިހާރު ދީފައިވާ އަދަދަށްވުރެ އޯވަޑްރޯ ކުރާ އަދަދު ބޮޑު ކޮށްފިނަމަ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ވިދާޅުވެފައެވެ.