ޚަބަރު

އޯޑީގެ އަދަދު ބޮޑު ކޮށްފިނަމަ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ: އެމްއެމްއޭ

އިބްރާހިމް ޒަކީ

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީ (ސަރުކާރު) އަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރި ނަމަވެސް، މިހާރު ދީފައިވާ އަދަދަށްވުރެ އޯވަޑްރޯ ކުރާ އަދަދު ބޮޑު ކޮށްފިނަމަ އިގުތިސާދަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފިއެވެ.

އޯޑީގެ މުއްދަތު އިތުރު ކުރުމަށް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުމުން އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވި ހާއްސަ ކޮމިޓީއަށް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ހާޒިރުކޮށްގެން މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި އޯޑީގެ މުއްދަތު އިތުރުކުރުމާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިހާރު ހުއްދަ ދީފައިވާ 4.4 ބިލިޔަނަށްވުރެ އިތުރު ކޮށްފިނަމަ އިގުތިސާދަށް ނުރައްކާ ވާނެ ކަމަށެވެ.

އިތުރު ތަފްސީލު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ އޯޑީ ފެސިލިޓީގެ އަދަދު ބޮޑު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކްސްޗޭންޖު ރޭޓު ހިފެހެއްޓުމަށް ވެސް އެކަން ނުކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން، ދައުލަތުގެ ހަރަދު ހޯދުމުގައި އަގުބޮޑުވެގެން ދިއުމަކީ ވެސް ދިމާވެދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ސަރުކާރުން ރީޕޭ ކުރުމުގެ ކަންތައް ކުރިއަށްގެންދާ އިރު، ކޮންމެ ހަ މަހަކުން އެކަން ރިވިއު ކުރާގޮތަށް އޮތުން މުހިއްމު ކަމަށެވެ. އަދި ރީޕޭ ކުރުމަށް އާމްދަނީ ހޯދާނެ ގޮތްތައް ހިމެނޭ ޕްލޭނެއް އޮތުން މުހިއްމު ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމަށް އެކަމާބެހޭ ގޮތުން އިތުރު މައުލޫމާތު އޮޅުންފިލުވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ހާޒިރުކުރިއެވެ.

އޯޑީގެ މުއްދަތު އިތުރުކޮށްދިނުމަށް މިމަހު 26 ގެ ކުރިން މަޖިލީހުން ގޮތެއް ނިންމަން ޖެހެއެވެ. އެއީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ދިން އެއް އަހަރު ދުވަހުގެ ހުއްދައިގެ މުއްދަތު މިމަހު 26 އަށް ހަމަވާތީއެވެ.