ޒިކުރާ މިސްކިތް ހުރި ބިމުގައި ހަދާ ވަގުތީ މިސްކިތުގެ މަސައްކަތް ނިމި، އަންނަ ހުކުރު ދުވަހުން ފެށިގެން އެ މިސްކިތުގައި ނަމާދުކުރަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިސްކިތް މިހާރު ހުރީ ތަޅުން އަޅައި ހިޔާކޮށް ނިމިފައި ކަމަށާއި އަންނަ ހުކުރު ދުވަހު ނަމާދު ކުރަން ފެށޭވަރުވާނެ ކަމަށެވެ.

އަންނަ ހުކުރު ދުވަހު އެ މިސްކިތުގައި ނަމާދު ކުރަން ފަށަން ތައްޔާރުވަމުން އަންނަ އިރު، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިއަދު ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވައިލައްވައިފިއެވެ.

މީގެ ކުރިން މިސްކިތް ހުޅުވަން މަސައްކަތް ކުރީ ރޯދަ މަސް ފެށުމުގެ ކުރިންނެވެ. ނަމަވެސް ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް އެތަން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެތަނުން ވަނީ މިނިކަށިތަކެއް ފެނިފައެވެ.

އޭގެ އިތުރަށް މައްޗަންގޮޅި ބާ މިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ އާއި ބައެއް އާސާރީ ތަކެތި ވެސް އެތަނުން ވަނީ ފެނިފައެވެ.

އެކަމާ ގުޅިގެން އެތަނުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މެދުކެނޑުނެވެ. އަދި ޒިކުރާ މިސްކިތް ހުރި ބިމަށް ބައެއް ދީނީ އިލްމުވެރިން ވަޑައިގެން އެތަނުގައި ވަގުތީ މިސްކިތެއް ބިނާ ކުރެވިދާނެތޯ އޭގެ ފަހުން ވަނީ ބަލައިފައެވެ.

މިސްކިތް އިމާރާތްކުރުމުގައި އެމްއެންޑީއެފުގެ ފަރާތުން އިސްކޮށް އުޅުއްވާ އޮފިޝަލަކު މީގެ ކުރިން "ވަން" އަށް ވިދާޅުވީ މިސްކިތް ހުރި ބިން ކޮނުމުގެ ތެރެއިން ވަރަށް ކުރިން އިމާރާތް ކޮށްފައިވާ މިސްކިތެއްގެ ބިންގަލެއް ފެނުމާ ގުޅިގެން ތަރިކަ ހިމާޔާތް ކުރާ ކޮމިޓީގެ ލަފާގެ މަތިން ވަގުތީ މިސްކިތް ހެދުމުގެ މަސައްކަތް މެދުކަނޑާލި ނަމަވެސް މިހާރު އެ ބިންގާ އޮތް ސަރަހައްދަށް ފަސް އަޅައި، އެއްވެސް ގެއްލުމެއް ނުލިބޭ ގޮތް ހަދާފައިވާ ކަމަށެވެ.