ދިވެހި އަސްކަރިއްޔާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނެއް ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

129 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ދިވެހި ގައުމީ ދިފާއީ ބާރުން، ގައުމީ ވާޖިބު އަދާކުރަން ހިތްވަރު އާކުރުމުގެ ގޮތުން ކޮންމެ އަހަރަކު އަހަރީ ދުވަހާ ގުޅުވައިގެން، ވަކި ޝިއާރެއް ކަނޑައަޅާ ކަމަށެވެ. ނަމަވެސް 2017 އާއި 2018 ގެ ޝިއާރު ވެގެންދިޔައީ ހަމައެކަނި ސިފައިންގެ އަހަރީ ދުވަހު އިއުލާންކޮށްލުމަށްފަހު، ވަތްގަނޑަށްލައި ތަޅުލާފައި އޮތް ޝިއާރުތަކަކަށް ކަމަށެވެ.

ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ޝިއާރު، ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެއް ފަހަރާ ހަގީގަތަކަށް ހެދުމަށް ކުރެވުނު މަސައްކަތުން، އެތައް ކުރިއެރުމަކާއި ކާމިޔާބީއެއް ހާސިލުކުރެވިފައިވާ ކަމަށެވެ. އަދި އެކަން ރާއްޖޭގެ ގިނަ ރައްޔިތުން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު، ސިފައިންގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ސިފައިންގެ ގާބިލުކަން - ގައުމުގެ އަމާންކަން"، މިއެވެ. އެ ޝިއާރުން ރަމްޒުކޮށްދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ތަސައްވުރު ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި ހުނަރުވެރިކަމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖެ އާއި ރާއްޖޭން ބޭރުން ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، ދިވެހި އަސްކަރިއްޔާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް، ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުން، އެކި ރޮނގުތަކުން ހޯދި ފުރުސަތުތަކުގެ ފުރިހަމަ ބޭނުންކޮށް، ގައުމު ފަހުރުވެރިވާ ފަދަ ރަން ވަނަތަކާއި މެޑަލްތައް ސިފައިން ހާސިލުކޮށްފައިވާކަމީ ފަހުރެއް ކަމަށްވެސް ވިދާޅުވިއެވެ.

"ސިޔާސީ ނުފޫޒުން ދިވެހި އަސްކަރިއްޔާ އެއްކިބާކޮށް، ޕްރޮފެޝަނަލް ފައިޓިން ފިޓް ފޯސްއެއްގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ދިވެހި އެންމެހާ ރައްޔިތުންނަށް ހަމަހަމަކަމާއި އޯގާތެރިކަމާއެކީ ސިފައިންގެ ހިދުމަތް ފޯރުކޮށްދޭނެ މަގު ފަހިކޮށްދީފައިވާކަން ގިނަ ރައްޔިތުން ގަބޫލުކުރޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިވެހި އަސްކަރިއްޔާގައި ހަރަކާތްތެރިވާ އަންހެން ސިފައިން ބާރުވެރިކުރުވުމުގައި އިތުރު ހަރުފަތްތަކެއް ގިރާކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމަށް އަންހެން ބޭފުޅުން އައްޔަންކުރުމާ ގުޅިގެން ދިވެހި ގައުމީ ދިފާއީ ބާރުގެ އެންމެ މަތީ ފަޑީގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލް ރޭންކުގެ އޮފިސަރުންނަށް ތިބެވޭނެ މަގުފަހި ކުރެވިފައިވާ ކަމަށެވެ. އަދި ސިފައިންގެ ލީޑާޝިޕުން ނިންމާ ނިންމުންތަކުގައި ކަނބަލުންގެ އަޑު ހިމެނޭނޭހެން ލަފާދޭ މަޖިލީހަށް ބަދަލު ގެނެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު އެމްއެންޑީއެފްގެ ހުރިހާ ބޯޑެއްގައިވެސް އަންހެން ބޭފުޅުން ތިއްބަވާނެ. ދާދި ފަހުން އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހާސްޓްގައި ކޯހެއް ފުރިހަމަކުރުމަށް ފުރަތަމަ ފަހަރަށް ފޮނުވި ދިވެހި އަންހެން އޮފިސަރު ކެޑޭޓު އެނބުރި ގައުމަށް އައީ ބެސްޓް އިންޓަނޭޝަނަލް ސްޓޫޑަންޓް އެވޯޑްގެ މަތިވެރި ޝަރަފާއެކުގައި ކަން މިފުރުސަތުގައި ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި އަސްކަރިއްޔާއަށް މި ގެނައި ކުރިއެރުންތަކުގެ ފަހަތުގައި ވަނީ ރައީސް ސޯލިހު ސިފައިންނާ ގުޅޭ ކަންކަމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމާއި އެމަނިކުފާނުގެ ހަރުދަނާ ވިސްނުންފުޅާއި ތަސައްވުރު ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.