ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ކުރުމާ މެދު މަޖިލީހުގެ އިއްޔެ ޖަލްސާއިން ގޮތެއް ނުނިމުމުން، އެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހަޅައި ދިރާސާ ކުރުމަށް ކޮމިޓީއަކަށް ފޮނުވަން ދެންމެ ފާސްކޮށްފިއެވެ.

އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ. ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ.

މި މައްސަލަ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ދެދުވަސް މަތިން ބަހުސްކޮށް، އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ގެންގޮސްގެން ދިރާސާ ކުރުމަށްފަހު އެ މުއްދަތު އިތުރު ކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ހުށަހެޅި ނަމަވެސް ވޯޓަށް އެހުމުން އެ ކަމަށް ގޮތެއް ކަނޑައެއް ނޭޅިއެވެ.

ނަމަވެސް މިމަހުގެ 26 ކުރިން މިކަމަށް ގޮތެއް ނިންމަން ޖެހެއެވެ.

އެއީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ދިން އެއް އަހަރު ދުވަހުގެ ހުއްދައިގެ މުއްދަތު މިމަހު 26 އަށް ހަމަވާތީއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލަ އަލުން މަޖިލީހަށް ހުށަހަޅުއްވަނީ، ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައިވާ މައްސަލައާ ގުޅޭ ފަރުވާއެއް ލިބުފައި ނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތެއް ދެނެގަނެ އެކަމަށް ގޮތެއް ނިންނުމަށް ކަމަށެވެ.

އެއަށްފަހު އެކަން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ހުށަހެޅުންތައް ހުށަހެޅުމަށް މެންބަރުންނަށް ފުރުސަތު ހުޅުވައި ލެއްވި އެވެ. އެ ފުރުސަތުގައި އެ މައްސަލަ ނުވަ މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.

އެ ހުށަހެޅުއްވުން މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން ބޭނުން ވަނީ 26 ވޯޓެވެ.