ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަ ޑުރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރު ނުކޮށްދޭން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކޮށްފައި ވަނިކޮށް، އެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފިއެވެ.

އެ މައްސަލަ ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވުމުން، މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވެސް އެ މައްސަލަ ހިމަނާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި ހިމަނައިފައެވެ.

އެ ހުއްދައިގެ މުއްދަތު އިތުރު ކުރަން މަޖިލީހަށް ކުށަހެޅީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ދިން އެއް އަހަރު ދުވަހުގެ ހުއްދައިގެ މުއްދަތު މިމަހު 26 އަށް ހަމަވާތީއެވެ.

ސަރުކާރުން އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭ އަދަދާއި، އެ ދަރަނި ދައްކަން އޮންނަ މުއްދަތު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އޮންނަނީ ލިމިޓް ކޮށްފައެވެ.

އެ ގާނޫނުގައި ވާގޮތުން، އެގޮތަށް ފައިސާ ނެގޭނެ ލިމިޓަކީ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، އެއީގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ. އެގޮތަށް ނަގާ ދަރަންޏެއް، 91 ދުވަސް ތެރޭގައި ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން ގާނޫނުގައި ބުނެފައިވާ ލިމިޓްތައް ބާތިލް ކުރުމަށް، ހަދަންޖެހޭ ގޮތަކީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އެކަންތައްތައް ލިމިޓް ކޮށްފައިވާ މާއްދާތަކަށް، ކަނޑައަޅާ މުދަތަކަށް އަމަލުކުރަން ނުޖެހޭގޮތަށް، (ސަސްޕެންޑް ކުރަން) މަޖިލީހުން ފާސްކުރުމެވެ.

މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ވަނީ އެ މާއްދާތަކަށް ސަރުކާރުން އަމަލު ކުރުން އަހަރު ދުވަހުގެ މުއްދަތަށް ފަސް ކޮށްފައެވެ. ނަމަވެސް މުއްދަތު އިތުރު ކުރަން މަޖިލީހަށް ހުށަހެޅީ، އެމްއެމްއޭއިން ނަގާފައިވާ ދަރަނި އެމުއްދަތުގައި ފުރިހަމައަށް ދެއްކިފައިނުވާތީ އެވެ.

އެގޮތުން އެ މުއްދަތު އިތުރު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފުތަމަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ މައްސަލައަށް ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ބަހުސްގައި ދެ ގޮތަކަށް ހުށަހެޅުނެވެ.

ފުރަތަަމަ ހުށަހެޅުމަކީ އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ގެންގޮސްގެން ދިރާސާ ކުރުމަށްފަހު އެ މުއްދަތު އިތުރު ކުރުމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ. ދެވަނަ ހުށަހެޅުމަކީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެ މުއްދަތު އިތުރު ކޮށްދިނުމަށް ފާސްކޮށްދިނުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.

ނަމަވެސް އެ ދެ ހުށަހެޅުމުގެ ތެރެއިން ތާއީދު ލިބުނީ ހަސަން އަފީފުގެ ހުށަހެޅުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

ނަމަވެސް އިއްޔެގެ ވޯޓަށް އެހުމުގެ ވަގުތުގައި، ހަސަން އަފީފު ހުށަހެޅުމަށް ވޯޓަށް އެހުމުން އެގޮތަށް ފާހެއް ނުވިއެވެ. ވޯޓަށް އެހި އިރު ޖަލްސާގައި 66 މެންބަރުން ތިއްބެވި ނަމަވެސް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރަން 31 ވޯޓު ބޭނުންވެއެވެ.

ވޯޓަށްފަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ހުށަހެޅުން ފާސް ނުވުމުން މުޅި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ކަމެއް ފާސްނުވީ ކަމަށެވެ.

ސަރުކާރުން މި މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅަން ފޮނުވާފައިވާއިރު، އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރޭ ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެކަމުގެ މުއްދަތު އިތުރުކޮށް ނުދޭން މަޖިލީހުން ނިންމީ ބައެއް ވަޒީރުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވުމުން ކަމަށެވެ.

އާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ދެވިފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް މަޖިލީހުން ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީހުގެ އެމްޑީޕީގެ ލީޑާޝިޕާއި މަޝްވަރާކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށެވެ.

މަޖިލީހުން އެކަމުގެ މުއްދަތު އިތުރު ނުކުރަން ނިންމުމާ ގުޅިގެން ބައެއް މެންބަރުން ވިދާޅުވެފައިވަނީ މިމަހު 26 ގެ ކުރިން އެ ކަމުގެ މުއްދަތު އިތުރު ނުކޮށްފިނަމަ ސަރުކާރުގެ ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ.

އެއީ އެމްއެމްއޭއިން އެގޮތަށް ނަގާ ފައިސާ އަކީ، ދުވަހުން ދުވަހަށް ސަރުކާރު ހިންގުމަށް ވެސް ބޭނުން ކުރަން ޖެހޭ ފައިސާ ކަމަށްވާތީއެވެ.

ސަރުކާރުގެ ހަރަދުތަކުގެ އިތުރުން ސިވިލް ސާވިސް ހިމެނޭ ގޮތަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ދިނުމާއި ކުރަން ޖެހޭ އެހެން ކަންކަން ކުރުމަށް އެ ފައިސާ ބޭނުންވާނެތީއެވެ.

އިއްޔެ އެ މުއްދަތު އިތުރު ނުކޮށްދިނުމަށް މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެފައި ވަނީ، ސަރުކާރު ލޮކްޑައުނަކަށް ފޮނުވުމަކީ، އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި، އެ މައްސަލައަށް މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.