މެންޗެސްޓާ ޔުނައިޓެޑްގެ ނުފޫޒުގަދަ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް މަގާމުން އިސްތިއުފާ ދޭން ނިންމައިފިއެވެ.
މިރޭ އެކަން އިއުލާން ކުރި ނަމަވެސް، އޭނާ މަގާމުން ދުރަށް ޖެހިލާނީ މިއަހަރު ނިމުމުންނެވެ. ވުޑްވާޑްގެ އިސްތިއުފާ އައިސްފައިވަނީ ޔޫރަޕް ފުޓުބޯޅަ ހަމަނުޖެހުމަކަށް ވައްޓާލި ޔޫރަޕިއަން ސުޕަ ލީގާ ގުޅިގެން އުފެދިގެން ދިޔަ މައްސަލަތަކާ އެކުގައެވެ.
ޔޫރަޕްގެ ވަރުގަދަ 12 ކްލަބެއް ވެގެން އަމިއްލަ ލީގެއް ހެދުމަށް ނިންމައި އެކަން އިއުލާން ކުރުމާއެކު އެތައް ސަޕޯޓަރުންނަކާއި ފުޓުބޯޅައިގެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާ އިރު، ޔޫއެފާއާއި ފީފާއިންވެސް ވަނީ އެކަމާ ގުޅިގެން ކްލަބުތަކަށް ބޮޑެތި އިންޒާރުތަކެއްވެސް ދީފައެވެ. ސުޕަ ލީގާ ޔުނައިޓެޑް ގުޅުމުގެ ނިންމުންތައް ނިންމާފައިވަނީ އެޑް ވުޑްވާޑްގެ ދަށުން ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފެރިން ވެސް ވަނީ ވިދާޅުވެފައެވެ.
ކެފެރިން ވަނީ ވުޑްވާޑް ޔޫއެފާއަށް އޮޅުވާލި ކަމަށް ވިދާޅުވެ ނުރުހުންވެސް ފާޅުކުރައްވައިފައެވެ. އޭގެ އިތުރުން ސުޕަ ލީގުގައި ބައިވެރިވުމަށް ނިންމި ނިންމުމާއެކު ޔުނައިޓެޑްގެ ތެރެއިން މައްސަލަތައް ނުކުތް ކަމަށް ހަބަރުތައް ބުނެފައިވެއެވެ. ކްލަބުގެ ކުޅުންތެރިންނާއި ކޯޗާ އެއްވެސް ވަރަކަށް މައުލޫމާތު ހިއްސާނުކޮށް ވުޑްވާޑް އެ ނިންމުން ނިންމި ކަމަށް ހަބަރުތައް ބުނެފައިވާ އިރު، ކުޅުންތެރިންގެ ފަރާތުން ކެޕްޓަން ހެރީ މެގުއާ، ވުޑްވާޑުގެ ފަރާތުން ޖަވާބު ހޯދުމަށް އެދުނު ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
އުމުރުން 49 އަހަރުގެ ވުޑްވާޑް ޔުނައިޓެޑްގެ ވައިސް ޗެއާގެ މަގާމާ ހަވާލުވެފައިވަނީ 2012 ވަނަ އަހަރުއެވެ. ޓްރާންސްފާ ކަންކަމުގައިވެސް އެެންމެ އިސްކޮށް ފެންނަ ވުޑްވާޑަށް ކްލަބުގެ ޓްރާންސްފާތަކާ ގުޅިގެންވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް