އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރެއް ކޮވިޑަށް ޕޮޒިޓިވްވެ، އޭދަފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަތަކަށް އަރައިފިއެވެ.
އޭދަފުށީގައި ދެ ކްލަސްޓާއެއް އުފެދިފައިވާ އިރު، އިއްޔެގެ ނިޔަލަށް އެރަށުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރަޝީދު ވިދާޅުވީ، ޕޮޒިޓިވްވި ޑޮކްޓަރަކީ ކުރިން ޕޮޒިޓިވްވި މީހުންނާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވީ އެ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރެވެ. އަދި އޭނާ ޕޮޒިޓިވްވީ އަލާމާތްތައް ހުރުމުން ނެގި ސާމްޕަލްއަކުންނެވެ.
އޭދަފުށިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެރަށު ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން އެރަށް ވަނީ އިއްޔެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.