މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތިވެ ދެން މާލެ ސަރަހައްދުން އެހެން ރަށްތަކަށް ޕީސީއާރް ނެގެޓެވް ނަތީޖާއެއް ނެތި ދަތުރު ނުކުރެވޭނެ ހާލަތު މެދުވެރިވެއްޖެ އެވެ.
އެޗްޕީއޭ އިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އުސޫލުގައި ވަނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދެވިފައި ވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި މިއަދުން ފެށިގެން ދަތުރުކުރެވޭނެ ކަމަށެވެ.
އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދެ ޑޯޒް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފުތާ ވެފައިވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރުމަށް ހުއްދަ ދިނުމަށް އަމަލުކުރާނެ ދެ އުސޫލެއްވެސް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ.
އެގޮތުން ރަށެއްގައި ބަލި އުޅޭ ނިސްބަތް ނުވަތަ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ކަމަށް އުސޫލު ބުނެއެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަ ނުވާ ކުދީންނަށް ވެސް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ކަމަށްވެސް އެޗްޕީއޭގެ ގައިޑްލައިންގައި ބުނެއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ފަސް ޕަސެންޓަށްވުރެ މަތިން ބަލި ހުރި ރަށްތަކުގެ ތެރޭގައި މާލެ ސަރަހައްދު ހިމެނެއެވެ. އެހެންކަމުން ދެން މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރު ކުރެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކުއެވެ.
މިހާތަނަށް ރާއްޖޭގެ އެއްވެސް ރަށެއްގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދެ ޑޯޒް ދީފައެއްވެސް ނުވެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް ފާއިތުވި ދެ ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ ވަނީ މާލެ ސަރަހައްދުން 71 މީހަކު އަދި އޭގެ ކުރީ ދުވަހު 115 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ވޭތުވެދިޔަ ދެ ހަފުތާއަށް ބަލާއިރު، މާލެ ސަރަހައްދުން ޖުމުލަ 838 ކޮވިޑް ކޭސް ވަނީ ރިޕޯޓް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު