މަންމޯހަން ސިންހު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހު ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާކަމަށް އެގައުމުގެ މީޑިއާއިން ބުނެފައި ވެއެވެ.
މަންމޯހަން ސިންހަށް ފަރުވާ ދެމުން އަންނަނީ އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިސް ގައި ކަމަށް އޮފިޝަލުން ބުނެއެވެ.
އުމުރުން 88 އަހަރުގެ މަންމޯހަން ސިންހުގެ ހަށިގަނޑުން ކޮވިޑްގެ ބައެއް އަލާމާތްތައް ފެންނަން ހުރިނަމަވެސް ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.
މަންމޯހަން ސިންހު މީގެ ކުރިން ވަނީ ހިތުގެ ބައްޔަށްވެސް ފަރުވާހޯއްދަވައިފައެވެ. އެގޮތުން ދެފަހަރު ބައިޕާސް ހައްދަވައިފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ. އޭގެ އިތުރުން ހަކުރު ބައްޔަށްވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.
މަންމޯހަން ސިންހު ވަނީ އިންޑިއާއިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ ދެޑޯޒް ވެސް ފުރިހަމަ ކުރައްވައިފައެވެ.