އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އަދި ވެރިކަންކުރާ ލޭބަރ ޕާޓީގެ ލީޑަރު ކީރ ސްޓާމަރ، އެ ދެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ، ޕާޓީގެ އެތެރޭގެ ޕްރެޝަރު ބޮޑުވެ، ދާދި ފަހުން ބޭއްވި ލޯކަލް އިންތިހާބުތަކުގައި ލޭބަރ ޕާޓީއަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެންނެވެ.

ޑައުނިން ސްޓްރީޓްގެ ބޭރުގައި ހުންނަވައި ދެއްވި ބަޔާނެއްގައި ސްޓާމަރ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އާންމު އިންތިހާބުގައި ޕާޓީ ގޮވައިގެން ނުކުތުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އޭނާތޯ ޕާޓީގެ މެންބަރުން ސުވާލު އުފައްދަމުން އަންނަ ކަމަށާއި، އެ ސުވާލުގެ ޖަވާބު މިހާރު ސާފުވެފައިވާތީ އެކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި އޭނާ ނިންމެވި ކޮންމެ ނިންމެވުމަކީވެސް ގައުމު އިސްކޮށްގެން ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

ސްޓާމަރ އިސްތިއުފާ ދެއްވި ނަމަވެސް، ލޭބަރ ޕާޓީއަށް އާ ލީޑަރަކު އިންތިހާބުކުރެވެންދެން ވަގުތީ ގޮތުން ބޮޑުވަޒީރުގެ މަގާމުގައި އޭނާ ދެމިހުންނަވާނެއެވެ. ޕާޓީގެ އާ ލީޑަރަކު ހޮވުމުގެ ކަންކަން ޖުލައި 9 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ސެޕްޓެންބަރު މަހުގެ ތެރޭގައި އާ ބޮޑުވަޒީރަކު މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ސްޓާމަރގެ ބަދަލުގައި ދެން އެ މަގާމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ގްރޭޓަރ މެންޗެސްޓަރގެ ކުރީގެ މޭޔަރު އެންޑީ ބަރންހަމްއެވެ. ދާދި ފަހުން ބޭއްވި ބައި-އިލެކްޝަނެއް ކާމިޔާބުކުރައްވައި ޕާލަމެންޓަށް ވަޑައިގެންނެވި ބަރންހަމް ވަނީ ލީޑަރުކަމަށް ވާދަކުރައްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދިއުމަކީ ގައުމުގެ ހަމަޖެހުމަށް މުހިންމު ކަމެކެވެ. ބަރންހަމްއާ އެންމެ ބޮޑަށް ވާދަކުރައްވާނެ ކަމަށް ބެލެވުނު ވެސް ސްޓްރީޓިންގ ވެސް ވަނީ ބަރންހަމްއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާނެ 7 ވަނަ ބޭފުޅާ ހޮވުމަށް ފެށޭ މަރުހަލާއެވެ. ސްޓާމަރ މަގާމުން މި ވަކިވެވަޑައިގަންނަވަނީ، ތާރީހީ ބޮޑު ކާމިޔާބީއަކާއެކު ލޭބަރ ޕާޓީ ވެރިކަމަށް އައިތާ ދެ އަހަރުވެސް ނުވަނީހެވެ. ލޭބަރ ޕާޓީގެ އާ ލީޑަރަކު ހޮވުމުގެ ކަންކަން ނިމެންދެން، ސަރުކާރު ހިންގުމުގެ އެންމެހައި ކަންކަން ބަލަހައްޓަވާނީ ކެއަރޓޭކަރ ބޮޑުވަޒީރެއްގެ ހައިސިއްޔަތުން ސްޓާމަރއެވެ.