ކޮވިޑަށް ޕޮޒިޓިވް ވި ރޭޓް ފަސް ޕަސެންޓަށް ވުރެ އިތުރުވެފައިވާ ރަށްތައް އިއުލާން ކޮށްފި އެވެ.

ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށްފަހު ކަރަންޓީނަކާއި ނުލައި ރަށްރަށަށް ދެވޭނެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލުގަައި ބުނެފައިވަނީ އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައި ވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ގެ ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ދެ ހަފުތާ ފަހުން ކަރަންޓީނާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް މިފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަ ދިނުމުގައި އެރަށެއްގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓަށް ބަލާނެ ކަމަށާއި އެގޮތުން ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް އިންސައްތައަށް ވުރެ މަތީ ރަށަކަށް ދަތުރުކުރެވޭނީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށެވެ.

އެޗްޕީއޭ އިން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދު ހިމެނޭ ގޮތަށް ކޮވިޑު ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށް ވުރެ އިތުރު ހަތް ރަށެއް އެ ބައޮތް ކަމަށެވެ. މި ހަތް ރަށަކީ ޅ. ނައިފަރާއި ބ. މާޅޮސް، ތ. ވޭމަންޑޫ، ކ. ހުރާ، ކ، ދިއްފުށި އަދި އދ. މާމިގިއްޔެވެ.

އުސޫލުގައި ބުނީ، ވެކްސިން ޖެހުމަށް ޝަރުތު ހަމަ ނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭ ނަމަވެސް ޕީސީއާރު ނެގެޓިވް ނަތީޖާއެއް ބޭނުންވާނެ ކަމަށެވެ.

މީގެ އިތުރުން އެ އުސޫލުގައި ބުނީ، ފަތުރުވެރީން ހިމެނޭ ގޮތަށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައި ވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓު އޮންނަން ނުޖެހޭނެ ކަމަށާއި ކަރަންޓީނު ވާންވެސް ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެކަމުންވެސް ބައެއް ފަރާތްތައް ވަނީ އިސްތިސްނާކޮށްފައެވެ.

އެގޮތުން ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާވުމަށް ފަހު ރާއްޖެ އެތެރެވިޔަސް ޕީސީއާރް ޓެސްޓު ހަދަން ޖެހޭ މީހުންނަކީ ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކާއި، ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތަކެވެ.