ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތައް ހެކި ނެތުމުގެ ސަބަބުން ފައިލް ކޮށްފި އެވެ.
ޖިންސީ ގޯނާގެ ތުހުމަތާއެކު ރައީސް އޮފީހުން ފަޒީލް ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ފަޒީލް އަދިވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ ފަޒީލަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލަ ތަހުގީގު ކޮށް ނިމިފައިވާ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނެތުމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.
އަހުމަދު ފަޒީލްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް މައްސަލަތަކެއްގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް އެކި ކަހަލަ ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެކަމާ ގުޅޭ ބައެއް ސްކްރީން ޝޮޓްތައް ވެސް ވަނީ އާންމު ވެފަ އެވެ.
ފަޒީލް އަށް ތުހުމަތު ކުރެވޭ މި ފަދަ ސީރިއަސް މައްސަލަތަކެއް ފެންމަތި ވި އިރު، އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް، (އެމްއާރްއެމް) އިން ވެސް މި މައްސަލަ ބެލި އެވެ. ފަޒީލް ސަރުކާރުގެ ވަޒީފާގައި ހުރީ ވެސް އެމްއާރްއެމްގެ ސްލޮޓެއްގަ އެވެ. އެ މައްސަލަ ބަލައި ނިމެންދެން ޕާޓީގެ ހަރަކާތްތަކުން ފަޒީލް އެކަހެރިކޮށްފައި ވާ ކަމަށް ވެސް އެމްއާރްއެމް އިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު