ތ. ގާދިއްފުއްޓާއި ލ. މާވަށުގެ ވޯޓު ފޮށިތަކެއްގެ ވޯޓު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ދެ ރަށުގައި އަލުން ވޯޓުލުން ބާއްވަން ނިންމާފައިވަނީ އެ ވޯޓު ފޮށިތަކަށް ދާއިރާ ނޫން ބަޔަކު، އޮޅިގެން ވޯޓުލާފައިވާކަން ސާބިތުވުމާ ގުޅިގެން ކަމަށެވެ.
ޝަރީފް ވިދާޅުވީ ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ތިން ދާއިރާއެއްގެ ވޯޓުލުން އަލުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގާދިއްފުށީގެ އެއް ނަމްބަރު ފޮއްޓަށް ދާއިރާ ނޫން ދެ މީހުން ވޯޓް ލާފައިވާކަން ސާބިތުވެފައިވާ ކަމަށާއި ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓުގައިވެސް އޮޅިގެން ދެ މީހަކަށް ނުބައި ކަރުދާސްކޮޅެއް ދެވިފައިވާކަން ފާހަގަކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކޮމިޝަނުން ނިންމާފައިވަނީ އެ ފޮށީގެ އަންހެނުންނަށް ހާއްސަ ގޮނޑީގެ ބައިގެ ވޯޓުލުން އަލުން ބާއްވަން ކަމަށާއި ބާއްވާނީ ވޯޓު ފަރަގު އެންމެ ކުޑަ ދެ މީހުންގެ ދެމެދުގައި ކަމަށެވެ.
"ގާދިއްފުށީގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް، ހައްވާ އަބްދުލްހާދީ، ޕީޕީއެމް، ލިބިފައިވަނީ 224 ވޯޓް އަދި މަރިޔަމް ހަސަން، އެމްޑީޕީ، 222 ވޯޓް. ދެ ވޯޓުގެ ތަފާތެއް އިންނަ އިރުގައި، ދާއިރާގެ ބޭރުން ލެވިފަ އިން ދެ ވޯޓަކީ ކާކަށް ލެވިފައިން ދެވޯޓެއްކަން ނޭނގޭތީ، އެރަށުގައި އެ ވޯޓު އަލުން ބާއްވަން ނިންމާފައިވަނީ. ވޯޓު ބާއްވާނީ ހައްވާ އަބްދުލްހާދީ އާއި މަރިޔަމް ހަސަންއާ ދެބޭފުޅުންގެ ދެމެދުގައި،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މާވަށު ފޮއްޓަކަށް ދާއިރާ ނޫން މީހަކު ވޯޓު ލާފައިވާ ކަމަށާއި އެކަން ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން މާވަށު ކައުންސިލް ރައީސްގެ ގޮނޑިއަށް ކުރިމަތިލި އެމްޑީޕީގެ ދެ ކެންޑިޑޭޓުން ކަމަށްވާ އާދަމް އަބްދުއްރަހުމާން އަދި އަހުމަދު މޫސާއަށް ލިބިފައިވަނީ 525 ވޯޓު ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ދެމެދުގައި އަލުން ވޯޓުލުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރަށް މާވަށުގެ ކައުންސިލް މެމްބަރުންގެ ގޮނޑީގެ ވޯޓު ފޮއްޓަކަށް ވެސް އޮޅިގެން ވޯޓު ލާފައިވާތީ، އެރަށުގެ ދެ ނަމްބަރު ފޮށީގެ ވޯޓުލުން އަލުން ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ވޯޓުލުން އޮންނާނީ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ޝިފާޒާއި ޕީޕީއެމްގެ ކެނޑިޑޭޓް އިބްރާހިމް އަބޫބަކުރާ ދެމެދުއެވެ. އެ ދެމީހުންނަށްވެސް ލިބިފައިވަނީ 432 ވޯޓެވެ.
ޝަރީފް ވިދާޅުވީ އެ ދެ ރަށުގައިވެސް އަލުން ވޯޓުލުން ބާއްވާ އިރު، ވޯޓު ލެވޭނީ މިހާރުވެސް އެ ފޮށިތަކަށް ރެޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ވިދާޅުވީ ވޯޓު ބާއްވާނެ ތާރީހެއް ނުނިންމާ ކަމަށާއި ނަމަވެސް ތާރީހު ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު