ޗައިނާގެ ވެކްސިން، ސިނޯފާމްގެ ދެވަނަ ޑޯޒް މާދަމާ ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. ސިނޯފާމްގެ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުން، ދެވަނަ ޑޯޒް ޖެހޭނެއެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ސިނޯފާމްގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށެވެ. ސިނޯފާމްގެ ދެވަނަ ޑޯޒް ވެކްސިން ދޭނީ ޓްރީޓޮޕް ހޮސްޕިޓަލުންނާއި ރައްޔިތުންގެ މަޖިލީހުންނެވެ.

އެގޮތުން މަޖިލީހުގައި ވެކްސިން ޖަހާނީ ރޭގަނޑު 9:00 އިން 11:30 އަށެވެ. އަދި ޓްރީޓޮޕްގައި ރޯދަ ނުހިފާ ފަރާތްތަކަށް ހެނދުނު 10:00 އިން 12:00 އަށް ވެކްސިން ޖަހައިދޭނެއެވެ. އަދި ރޭގަނޑު 8:30 އިން 11:30 އަށްވެސް ވެކްސިން ޖަހައިދޭނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖޭގައި ފުރަތަމަ ޑޯޒްގެ ގޮތުގައި މިހާރު ޖަހަމުން އަންނަނީ ސިނޯފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ. ފައިޒާ ވެކްސިން ދެނީ 16 އަހަރުން މަތީގެ ހާއްސަ ހާލަތްތަކުގައިވާ ފަރާތްތަކަށް އެކަންޏެވެ. އެގޮތުން މިހާތަނަށް 281،848 މީހަކަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ.

ދެވަނަ ޑޯޒްގެ ގޮތުގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން މިހާތަނަށް 45،817 މީހަކަށް ވަނީ ދެވަނަ ޑޯޒް ދީފައެވެ.

ދެވަނަ ޑޯޒް ޖަހަންދާ ފަރާތްތައް ބޮޑުތަނުން އިތުރުވެ، ވެކްސިން ޖަހަން ބޮޑެތި ކިޔުތައް އަންނަނީ ހަދަމުންނެވެ. އެކަމަށް ހައްލެއް ގެނައުމަށްޓަކައި އެޗްޕީއޭއިން ވަނީ ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް ވެކްސިން ޖެހުމަށް ނަންބަރު ނެގޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.