ވެރިކަމުގެ ނިިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މެދުވެރި ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހެން ވިދާޅުވީ، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ފޮނުއްވި މެސެޖަށް ޖަވާބު ދެއްވަމުންނެވެ.

"މިހާރު މި އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީ ވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައިސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާ،" މަބްރޫކް މެދުވެރި ކުރައްވައި ރައީސް ނޫސްވެރިން ގާތު ވިދާޅުވިއެވެ.

ރައީސް ސޯލިހަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު ނުބާއްވައި، ފަސް ކުރުމަށްވެސް ނަޝީދު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން، ގާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތަކަށްވުން ކަމަށްވެސް ނަޝީދުގެ މެސެޖުގައިވެއެވެ.

ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިން ރައީސް ސޯލިހަށް، ރައީސް ނަޝީދު ދަންނަވާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ފަހަރު ގޮވާލައިފައެވެ. އަދި ރައީސް ނަޝީދު ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާކަމަށް މީގެ ކުރިންވެސް ވަނީ އަޑުތައް ފެތުރިފައެވެ.

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރުގެ އޯގަސްޓް 18 ވަނަ ދުވަހު މުޅި ރާއްޖޭގައި ނެގި ސިއްރު ވޯޓުގައި ރިޔާޒީ ނިޒާމު އޮންނަން ފެންނަ ކަމަށް 95،619 މީހުން ވޯޓު ދިނެވެ. އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އޭރުގެ ޕާޓީ ޑީއާރުޕީންނެވެ. ރައީސް ނަޝީދު އިސްކޮށް އެމްޑީޕީން ޕްރޮމޯޓް ކުރި ބަރުލަމާނީ ނިޒާމަށް ލިބުނީ 58،504 ވޯޓެވެ.