މެންޗެސްޓާ ސިޓީ މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑެއްގައި ނަމަވެސް، މެންޗެސްޓާ ޔުނައިޓެޑުން ލީގަށް އުންމީދު ކަނޑާނުލާ ކަމަށް ފޯވަޑް މޭސަން ގްރީންވުޑް ބުނެފިއެވެ.

ރޭ ޔުނައިޓެޑުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްފައިވާ އިރު، އެ މެޗުގައި ގްރީންވުޑް ވަނީ ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން އެޑިސަން ކަވާނީވެސް ޔުނައިޓެޑަށް މެޗުގައި ގޯލް ޖަހައިދީފައިވާ އިރު، މެޗަށްފަހު ވާހަކަދައްކަމުން ގްރީންވުޑް ބުނީ ސިޓީވެސް ކައްސާލާފާނެ ކަމަށް ވިސްނައި، ޔުނައިޓެޑުން ބާކީ ހުރި މެޗުތަކުން މޮޅުވާން މަސައްކަތް ކުރާނެ ކަމަށެވެ.

"ޔަގީން ކަމެއް ނޯންނާނެ ފުޓުބޯޅައިގައެއް. ސިޓީވެސް ހަމަ ސޮއްސާލާފާނެ. އެހެންވީމަ ހާއްސަ ސަމާލުކަމެއް ދީގެން ޔުނައިޓެޑުން ދެންހުރި ހުރިހާ މެޗަކަށް މަސައްކަތް ކުރަން ޖެހޭ،" ރަނގަޅު ފޯމެއްގައި މިވަގުތު ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ގްރީންވުޑް ބުންޏެވެ.

ގްރީންވުޑް ބުނީ އުންމީދަކީ ސިޓީއަށް ބައެއް ޕޮއިންޓް ގެއްލުން ކަމަށާއި އެކަން ވެއްޖެނަމަވެސް ފައިދާ ނެގޭނީ ދެން އޮތް މެޗުތަކުން ޔުނައިޓެޑަށް މޮޅުވެވިގެން ކަމަށެވެ.

ގްރީންވުޑް ލީގު ތައްޓަށް އުންމީދު ކުރާ ވާހަކަ ފާހަގަކޮށްފައިވާ އިރު، ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްސްޖާވެސް ވަނީ ލީގުގެ އުންމީދު ގެއްލުވާ ނުލާ ކަމަށް ބުނެފައެވެ. އޭނާ ބުނީ މިހާރު އޮތް ވަރަށްވުރެ ބޮޑެތި ލީޑުތައް ޓީމުތަކުން ގެއްލުވާލާފައިވާ ކަމަށާއި އުންމީދު ކަނޑާނުލާނެ ކަމަށެވެ.

ޔުނައިޓެޑަށް 32 މެޗުން 66 ޕޮއިންޓް ލިބިފައި އޮތް އިރު، ސިޓީ އެއްވަނައިގައި އޮތީ 32 މެޗުން 74 ޕޮއިންޓާއެކުގައެވެ. ބާކީ ދެޓީމަށްވެސް ލީގުގައި ހަ މެޗު އޮތް އިރު، ސިޓީއަށް ލީގު ނެގުމަށް އޮތް ފުރުސަތު ބޮޑެވެ.