ވެރިކަމުގެ ނިޒާމު އިރު އިރު ކޮޅާ ބަދަލު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާލުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި 2023 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖެއް ކުރައްވައި އެދި ވަޑައިގަތުމުނެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ރައީސް ނަޝީދު ރައީސް ސޯލިހަށް ދެންނެވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފުންނާބު އުސް ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ގެންދަވަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.
އޭގެ ތެރެއިން ރާއްޖޭގައި މިހާރު މިއޮތް ރިޔާސީ ނިޒާމުން އިންތިހާބުވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްގެން ސަރުކާރެއް އެކުލަވައި ނުލެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދާއީ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު