ރިޕޯޓް

ކުނީގެ މައްސަލަ ހައްލު ކުރުމަށް ފަރުދީ ޒިންމާ އަދާކުރާނީ ކޮންދުވަހަކުންބާ؟

ރިފާ ހަލީލު

މީގެ އަހަރެއްހާ ދުވަސް ކުރީއްސުރެ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރެއިން އަދިވެސް މިއުޅެނީ އަރައިނުގަނެވިގެންނެވެ. ބަލި ފެތުރުނު ކުރީކޮޅު އެންމެންވެސް ބިރުން އުޅުނުތަން ފެނުނެވެ. ހާއްސަކޮށް ދިވެހިންނެވެ. ފިހާރައިން ގެންނަ އެއްޗިއްސާއި ގެންގުޅޭ ފައިސާވެސް އޯމޯ ނުވަތަ ތަށި ދޮންނަން ބޭނުންކުރާ އެއްޗިހި ލައިގެން ދޮވުމާއި، ބޭރަށް ގޮސްފިއްޔާ ގެއަށް ވަނުމަށްފަހު ލައިގެން ހުންނަ ހެދުން ބަދަލު ކުރުމާއި، ކުނިތައްވެސް ރަނގަޅަށް ބަންދުކޮށްފައި ނޫނީ ނުބަހައްޓަ އެވެ. އެކަމަކު މިހާރު އެކަމަށް މާބޮޑު ފަރުވާލެއް ބަހައްޓާތަނެއް ނުފެނެ އެވެ.

މިދިޔަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރިއިރު މާލެ އޮތީ ލޮކްޑައުން ކޮށްފަ އެވެ. އެހެން ކަމުން ކިތަންމެ ބޭނުން ވިނަމަވެސް ގެއަށް ގަންނަން ޖެހޭ ފަރުނީޗަރާއި އެހެނިހެން ތަކެތި ގަންނަން ފުރުސަތެއް ނުލިބުނެވެ. އެއީ ދިވެހިންނަށް ލިބުނު ފިލާވަޅެކެވެ. އެކަމަކު މިއަހަރު ރޯދަ މަހު އެ ފަހަރު ލިބުނު ފިލާވަޅެއްގެ ބޭނުން ކުރިތަނެއް ނުފެނެ އެވެ.

މި ބަލިމަޑުކަމުގެ ތެރެއިން ސިއްހީ ހިދުމަތްތެރިން އާދޭސް ކުރަމުން އަންނަނީ ސާފުތާހިރު ކަމަށް އިސްކަން ދިނުމަށެވެ. އަމިއްލަ ގައިން ތާހިރުވުމެއް ނޫނެވެ. ތިމާ އުޅޭ ތަނާއި ވަށައިގެން ވާ މާހައުލު ސާފުކޮށް ބެލެހެއްޓުމަކީވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އެކަމަކު ކޮވިޑް-19 އާއެކު ކުރިން އަމަލު ކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސް ގޭބިސީތަކުގައި އުފެދޭ ކުނިތައް މަގުމައްޗަށް ނެރޭ ގޮތަށް ހަމަޖެއްސި ފަހުން މާލޭ ކުނިގޮނަޑަކަށް ވެއްޖެޔޭ ބުނުމަކުން ގޯހަކަށް ނުވާނެ އެވެ. އަދި ވަކިން ބޮޑަށް ކުނި ކޮތަޅުގެ ކަންކަން މުޑުދާރު ކަމަކަށް ވެއްޖެ އެވެ. ބައެއް ގޯޅިތަކާއި މަގުތަކުގެ ކަންމަތީގައި ފުނިޖަހާލާފައި ހުންނަނީ އެއް ދުވަހުގެ ކުންޏެއް ނޫނެވެ. ގެއިން ނެރޭ ބާ ފަރުނީޗަރާއި ހިފައި ގެންގުޅޭ ހުރިހާ އެއްޗެއް އުކާލަން މަގަށް ނެރެފައި ވެސް ހުންނަނީ މަދަކު ބައިވަރެއް ނޫނެވެ. ހާއްސަ ކޮށް ރޯދަމަހާ ދިމާކޮށް މި ކުނިފުނި ފެނުން ވަނީ އިތުރުވެފަ އެވެ.

ކުނީގެ މައްސަލަ ހައްލު ކުުރަން މަގުމައްޗަށް ކުނި ނެރޭ ގަޑިތަކަށް ބަދަލެއް ގެންނަން ވެމްކޯއިން ނިންމި އެވެ. އެކަމަކު މި ގަޑިތަކަށް ބަލައިގެން އެއަށް އަމަލު ކުރަނީ ކޮންބައެއް ހެއްޔެވެ؟ ކޮންމެ ކަމެއް ތަންފީޒު ކުރުމަށް އެންމެންގެ ފަހަތުން ކަމާ ގުޅޭ މުއައްސަސާތަކަށް ނުދެވޭނެ އެވެ. ބުނެވޭނީ އެވެ. ޖޫރިމަނާވެސް ކުރެވޭނީ އެވެ. އެކަމަކު މިކަމުން ފަރުދީ ޒިންމާ އަދާ ކުރެވޭ ހެއްޔެވެ؟ ކުނިތައް ފުނި ފުންޏަށް މަގުމަތީގައި ޖަހާފައި ހުންނަ މަންޒަރު ބަލަން ރީތި ހެއްޔެވެ؟

"ރީތި ދިވެހި ރާއްޖެ، ސާފު ދިވެހި ރާއްޖެ،" މިއީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ހެއްޔެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަށް ކިތަންމެ މުއައްސަސާއެއް އުފެއްދި ނަމަވެސް ފަރުދީ ޒިންމާ އދާނުކޮށް މިކަމަށް ހައްލެއް ގެނެވޭނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ މައްސަލަ ހައްލު ކުރަން ކިތަންމެ ފިޔަވަޅެއް އެޅިޔަސް އެކަމުން ފިޔަވަޅަކަށް އަމަލު ކުރަނީ ވަކި ބައެކެވެ. ރޯދަ މަހާ ދިމާކޮށް އާ ފަރުނީޗަރު ބަދަލު ކޮށްލާވަރަށް އަތުގައި ފައިސާ ހުންނަ އިރު ކުރިން ބޭނުންކޮށްފައި ހުންނަ ބާ ފަރުނީޗަރުތައް އޮންނަ އުސޫލުގެ ތެރެއިން އުކާލާނެހާ ތަނަވަސްކަން ލިބިފަ ނުވަނީ ތޯ މިއީ ހިތުގައި އުފެދޭ ސުވާލެކެވެ. ނޫނީ ގެ ކައިރީ މަގުމަތީގައި ނުވަތަ ގޯޅި ތަކުގެ ތެރޭގައި މި ބާ ފަރުނީޗަރުތަކާއި ގޭގައި އުފެދޭ ކުނި ފުނި ޖަހާފައި ހުރުން މާ ރީތި ކަމަކަށް ވަނީބާއޭ ވެސް ހިތަށް އަރަ އެވެ.

އާއްމު ސިއްހަތަށް ނުރައްކާތެރި މި ދަނޑިވަޅުގައި ކުނީގެ ސަބަބުން އިތުރު ބައްޔެއް ނުފެތުރެނީސް މާލޭގެ ގޮނޑުވެފައިވާ މަގުތައް ތާހިރު ކުރުުމަށް އެންމެން އިސްނަގައި މަސައްކަތް ކުރަންވީ ވަގުތަކީ މިއެވެ. މީ މާ ލަސްވެފައިވާ މަސައްކަތެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އަންނަނީ ގޭބީސީ ތަކުގައި އުފެދޭ ކުނި އުކާލުމުގެ ކުރިން، ވަކިން ބަންދުކުރުމަށް ބާރުއަޅަމުންނެވެ. މިކަމުގެ ސަބަބުން، އުފެދޭ ކުނި މަދުކުރެވި، ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް އާދެއެވެ. ރާއްޖޭގައިވެސް ދިމާވެފައި މިވާ ކުނީގެ ބޮޑު މައްސަލަ ހައްލުކުރުމަށް ކުނި އުކާލުމުގެ ކުރިން، ވަކިން ބަންދުކުރުމާއި އަލުން ބޭނުން ކުރެވޭ ފަދަ ކުނި ރިސައިކަލް ކުރުން ފަދަ އާދަތައް ހަރުލައްވަން އެބަ ޖެހެއެވެ. މިކަމުގެ އިތުރުން ފަރުދީ ޒިންމާ އަދާ ކުރުމަކީވެސް މުހިންމު ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ.

ގަޑި ބަދަލު ކޮށްގެން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުން ރެއާ ދުވާލު މަގުތަކަށް ނެރެގެން ކުނީގެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ފަރުދީ ޒިންމާ އަދާ ކުރާނީ ކޮންދުވަހަކުން ހެއްޔެވެ؟