ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، (ރުފިޔާ ޗާޕް ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ކޮވިޑް 19 ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އައި ލޮޅުން ހަމައަކަށް އަޅުވަން، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކުރުން، ނުވަތަ ދަރަންޏަށް ނެގުމަށް އެއް އަހަރު ދުވަހުގެ ހުއްދައެއް، މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 26 ގައި މަޖިލީހުން ވަނީ ސަރުކާރަށް ދީފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އެ ހުއްދައިގެ މުއްދަތު އިތުރު ކޮށްދިނުމަށެވެ.

އެކަމަށް އެދި ފިނޭންސް މިނިސްޓަރު ސޮއި ކުރައްވައި، މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ، އެކަމަށް ހުއްދަ ދިނުމަށްޓަކައި ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ހ، އަދި ރ، އާއި ބ. ސަސްޕެންޑް ކުރުމަށް މަޖިލީހުން ފާސްކޮށްދީފައިވާ މުއްދަތު އިތުރު ކޮށްދޭން އެދިވަޑައިގެންފަ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ސަރުކާރުން ދަރަންޏަށް މަރުކަޒީ ބޭންކުން ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ. އެގޮތަށް ނެގޭނީ މާކެޓް އިންޓަރެސްޓް ރޭޓަށްވުރެ ދަށް ނުވާ ރޭޓެއްގައި އެޑްވާންސްގެ ގޮތުގައި ކަމަށް ވެސް ބުނެފައިވެއެވެ. އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނެގޭނެ މިންވަރެއް ވެސް އެ މާއްދާގައި ބުނެފައި ވެ އެވެ.

އެ މާއްދާގެ (ރ) ގައި ވަނީ ޖެނުއަރީ 1، 2016 އިން ފެށިގެން ސަރުކާރަށް ދަރަނީގެ ގޮތުގައި ފައިސާ ނަަގަން ވާނީ ތަރައްގީގެ މަޝްރޫއުތަކަށާއި އިގުތިސޯދީ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. ދަރަނި އަދާކުރުމަށް ދަރަނި ނެގުން އެ މާއްދާއިން ވަނީ މަނާކޮށްފަ އެވެ.

އެ މާއްދާގެ (ބ) ގައި ބުނަނީ ރ. ގައިވާ އުސޫލުގެ އިސްތިސްނާ ހާލަތެވެ. އެއީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން އެމްއެމްއޭއިން ފައިސާ ނަަގަން ދީފައިވާ ހުއްދަ އެވެ. އެ މާއްދާގައިވާ ގޮތުން އެގޮތަށް ނަގާ ފައިސާ 14 ދުވަހުގެ ތެރޭގައި އެމްއެމްއޭ އަށް އަނބުރާ ދައްކަން ޖެހޭނެ އެވެ.

އެ މާއްދާތައް ސަސްޕެންޑުކޮށް، މިހާރު ދީފައިވާ މުއްދަތު އިތުރު ކުރަން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ، މިހާރު ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ، މިމަހުގެ 26 ވަނަ ދުވަހުން ފެށީގެން އިތުރު އެއް އަހަރު ދުވަހަށެވެ.