ޅ. ނައިފަރުން އިތުރު އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 250 އަށް އަރައިފިއެވެ.

ނައިފަރު ކައުންސިލުގެ ރައީސާ ވިދާދު އަބްދުﷲ މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން މިއަދުވެސް އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 250 އަށް އަރާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 135 މީހަކު ބަލިން މިހާރު ފަސޭހަވެފައިވާ ކަމަށެވެ. އަދި އެރަށުގައި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 115 މީހަކު ކަމަށެވެ.

ވިދާދު ވިދާޅުވީ އެރަށުގައި ކަރަންޓީނާ ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވެފައިވާ ފަރާތްތައްވެސް ބޭރަށް ނުކުމެ، ބޭރުގައި އުޅޭ ކަމަށާއި ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީން ކޮށްފައިވާ ފަރާތްތައްވެސް ބޭރަށް ނުކުމެ، އެހެން މީހުންނާ ބައްދަލުކުރާ ކަމަށެވެ. އަދި ސާމްޕަލް ދޭން ބައެއް ފަރާތްތަކުން ދެކޮޅު ހަދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުންނަށްވެސް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.