ޅ. ނައިފަރުގެ ގެއެއް ކަރަންޓީނު ކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށްބުނެ، އެކަމުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމައިފިއެވެ.

ނައިފަރު ސަނޯވާގޭގެ ވެރިފަރާތް އިސްހާގު އަބްދުއްރަހުމާން "މިރޭ" ވަން އަށް ބުނީ، އެގޭ އެންމެ ފުރަތަމަ ކަރަންޓީނަށް ގެނެސްފައިވަނީ އެ ގޭގައި ހުރި ކުއްޖަކު ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. ތިން ފްލޯއަށް ހުންނަ އެ ގޭގައި ޕޮޒިޓިވްވި ކުއްޖާ ހުންނަ ފްލޯ އެކަނި ކަރަންޓީން ކުރަން އެދުނު ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގުޅުމުންވެސް އެ ގެ ކަރަންޓީނަށް ލާފައިވަނީ އުސޫލާ ހިލާފަށް ބުނެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އިސްހާގު ބުނީ އެގެ ގާތްގަނޑަކަށް 20 ވަރަކަށް ދުވަސް ވަންދެން ކަރަންޓީން ކުރުމަށްފަހު، ގެ ކަރަންޓީން ކުރިކަމުގެ ކަރުދާސް ނައްޓާލާފައިވަނީ އެރަށު ކައުންސިލްގެ ރައީސާ ވިދާދު އަބްދުﷲ ކަމަށެވެ. އަދި ކައުންސިލް ރައީސާ އެގޭގައި ތަތްކޮށްފައިވާ ކަރުދާސް ނައްޓާލުމަށްފަހު، އެގޭ ކަރަންޓީން ކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށްވެސް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އޭގެ ފަހުން ނައިފަރު ހޮސްޕިޓަލުގެ މެނާޖަރުވެސް އެގޭ ކަރަންޓީން ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަން އެޗްޕީއޭއިންވެސް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"20 ވަރަކަށް ދުވަސް ވަންދެން ގެ ކަރަންޓީން ކޮށްފަ، ގެ ކަރަންޓީން ކުރިކަމުގެ ނޯޓިސް ނައްޓާލީ ކައުންސިލްގެ ރައީސާ، އޭނާ ނައްޓާލަމުން ވިދާޅުވީ އެގެ ކަރަންޓީންކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް. އެކަން އަޑުއިވުނު އެތައް ބަޔަކު އެބަތިބި. އޭގެ ފަހުން ހޮސްޕިޓަލް މެނޭޖަރުވެސް ވަނީ އެގެ ކަރަންޓީން ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެފަ. އެކަން ހެކިވާނެ ބަޔަކުވެސް އެބަތިބި،" އިސްހާގު ބުންޏެވެ.

އިސްހާގު ބުނީ އެގެ ކަރަންޓީނުން ނަގާފައިވަނީ ރޭގައި ކަމަށާއި ކަރަންޓީނުން ނެގުމުން، ބޭރަށް ދިއުމުގެ ހުއްދަ ލިބުނު ކަމަށެވެ. އެހެންކަމުން އެގޭ ބައެއް މީހުން ބޭރަށް ނުކުމެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ނަމަވެސް ރޭގެ ވަގުތެއްގައި އަލުން އެގެ ކަރަންޓީނަށް ލާފައިވާ ކަމަށާއި އަލުން ލިޔުން ތަތްކޮށްފައިވަނީވެސް ކައުންސިލް ރައީސާ ކަމަށެވެ. އަދި ކައުންސިލް ރައީސާއާއެކު ފުލުހުންވެސް ރޭ އެގެ ކައިރިއަށް އައިސް ތިބި ކަމަށެވެ.

"ގެ ކަރަންޓީނުން ނެގުމުން އަޅުގަނޑުމެން ދިޔައީ ބޭރަށް، އަޅުގަނޑު ގެންގުޅޭ ދޯނި ކައިރީގައި ހުއްޓައި އެނގުނީ އަނެއްކާވެސް ގެ ކަރަންޓީނު ކުރަން އުޅޭކަން. ދެން ދިޔައީ. ދިޔައީމަ ބުނީ އަނެއްކާވެސް ކަރަންޓީނަށް ލި ވާހަކަ. ދެން ފުލުހުން އެންގީ ވަގުތުން ގެއަށް ވަންނަން،" އިސްހާގު ބުންޏެވެ.

އިސްހާގު ބުނީ ގެ ކަރަންޓީނު ކުރުމުން، ބޭރުގައި އުޅޭ ބަޔަކަށް ގެއަށް ވަނުމުގެ ހުއްދަ ނޯންނަ ކަމަށާއި އެހެންކަމުން ގެއަށް ވަންނަން ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް ފުލުހުން އޭނާ ހިމެނޭ ގޮތަށް އޭނާގެ ދެ ދަރީންވެސް 5000 ރުފިޔާއިން ޖޫރިމަނާ ކުރި ކަމަށެވެ. ޖޫރިމަނާ ކޮށްފައިވަނީ ގެއަށްވެސް ވަން ފަހުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެކަމާ ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި މިކަމާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ޔޫނުސް އިސްހާގު "ވަން" އަށް ބުނީ އެކަމާ ގުޅިގެން މިހާރު އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ވަކީލުންނާވެސް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. މާދަމާގެ ވަގުތެއްގައި މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ލިޔެކިޔުންތައް މިހާރު ހުރީ ތައްޔާރަށް. ފޮޓޯތަކާއި އެކަމާ ގުޅުން ހުރި ހުރިހާ އެއްޗެއްވެސް ހުރީ ރެޑީގަ. ވަކީލުންނާ މިހާރު މަޝްވަރާ ކުރެވެމުން މިދަނީ. ހުށަހަޅަން ނިންމާފައިވަނީ ގެއްލުމުގެ ބަދަލު ހޯދަން. މާދަމާގެ ވަގުތެއްގައި މައްސަލަ ކޯޓަށް ހުށަހަޅާނަން،" ޔޫނުސް ބުންޏެވެ.

އެކަމާ ގުޅިގެން ކައުންސިލް ރައީސާ ވިދާދު މިރޭ "ވަން" އަށް ވިދާޅުވީ އެގެއިން އެންމެ ފުރަތަމަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެގެން، އެގެ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. ޕޮޒިޓިވްވި ކުއްޖާ ދިރިއުޅެނީ އެގޭގެ ބަދިގެ އިންނަ ބައިގައި ކަމަށާއި އެގޭގެ އެންމެންވެސް ކައްކާ ކައި އުޅެނީ އެއްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެ ފަހުން އެގެއިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ ހުރިހާ އެންމެންވެސް އެގޭގެ ތިންވަނަ ފްލޯއަށް ބަދަލުކޮށްދޭން އެދުނު ކަމަށެވެ. ނަމަވެސް އެގޭގެ ވެރިފަރާތުން އެކަން ގަބޫލު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެގޭގައި ފުރަތަމަ ޕޮޒިޓިވްވި ކުއްޖާ އުޅެނީ ބަދިގެ ހުންނަ ބައިގަ. ދެން އެގޭގެ އެންމެން އެއްކޮށް ކައްކާ ކައި އުޅެނީ. އެހެންވެ، އެ އެންމެންނާވެސް ކޮންޓެކްޓްވެފަ ހުރީމަ މުޅި ގެ އެއްކޮށް ކަރަންޓީން ކުރީ. އޭގެ ފަހުން އިތުރު ދެ މީހަކު ޕޮޒިޓިވްވި އެގެއިން. ދެން އެގޭގެ ތިންވަނަ ފްލޯ ހުންނަނީ ހުހަށް. ދެން އެތަނަށް ޕޮޒިޓިވް އެންމެން ބަދަލުކޮށްދޭން އެދުމުންވެސް ނުކޮށްދިން،" ވިދާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޭގައި އެގޭގައި ޖަހާފައިވާ ކަރަންޓީން ނޯޓިސް ގޭގެ އެތެރޭގައި ހަރުކުރަން އެދުމުން އެގޭ މީހުން ވަނީ އެ ނޯޓިސް އެގޭގެ ކޮޓަރިއެއްގައި ތަތްކޮށްފައި ކަމަށެވެ. އަދި އެޗްޕީއޭއިން އެންގުމުން އެގޭ އެއްކޮށް ކަރަންޓީން ކުރިކަމުގެ ލިޔުން ހަރުކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގެ ކަރަންޓީން ކޮށްފައިވަނީ ހިލާފަށް ކަމަށް އޭނާ ބުނެފައިނުވާނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެރަށުން ހޮސްޕިޓަލުގެ މެނޭޖަރުވެސް އެގޮތަށް ވިދާޅުވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފައިވާ ކަމަށްވެސް ވިދާދު ވިދާޅުވިއެވެ.

"އެގެ ކަރަންޓީނަށް ލާފައިވަނީ ހިލާފަށް ކަމަށްބުނެ، ދެކެވެމުންދާ ވާހަކައަކީ ދޮގެއް. އަޅުގަނޑު އެހެން ނުބުނަން. އަދި ހޮސްޕިޓަލުގެ މެނޭޖަރުވެސް ވިދާޅުވީ އޭނާ އެހެން ނުބުނާ ކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް. އަދި އެޗްޕީއޭގެ ފަރާތުން އެބޭފުޅުންނަށް މައުލޫމާތު ދިނީ އެރަށު ކުއްޖެއް. އެކުއްޖާ މައުލޫމާތު ދިނީ ނުބައިކޮށް، އޮޅުވާލައިގެން. އެހެންވެ އެކުއްޖާއަށް ފިޔަވަޅު އަޅަން އެޗްޕީއޭއަށް މައްސަލަ ހުށަހެޅުމުން މިހާރު ވަނީ އެކުއްޖާއަށް ފިޔަވަޅު އަޅާފަ،" ވިދާދު ވިދާޅުވިއެވެ.

ވިދާދު ވިދާޅުވީ އެގެ ކަރަންޓީނަށް ލާފައި ވަނިކޮށް ބޭރުގައި އުޅުމުން އެގޭގެ ތިން މީހަކު 5000 ރުފިޔާއިން ޖޫރިނަމާކޮށްފައިވާ ކަމަށެވެ. އެބޭފުޅުން ޖޫރިމަނާކޮށްފައިވަނީ ފުލުހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.